ދިވެހިންގެ ތެރޭގައި ދިވެހި ޑްރާމާތަކާއި ފިލްމުތަކަށްވުރެ އެހެނިހެން ޤައުމުތަކުގެ ޑްރާމާ ސީރީޒްތަކާއި ފިލްމުތަކަށް އޮންނަ ފޯރި މާބޮޑެވެ. އެގޮތުން ހިންދީ ޑްރާމާ ސީރީޒްތަކާއި ފިލްމުތައް ބަލާ ފަރާތްތައްވެސް މަދެއްނޫނެވެ. މިފަހަރު މިއޮތީ ހިންދީ ޑްރާމާ ސީރީޒްތައް ބަލާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ނޫނެވެ. ޚާއްސަކޮށް ސްޓަރ ޕްލަސްގެ ފޭނުންނަށް ހިތާމަވެރި ޚަބަރެކެވެ.
ސްޓަރ ޕްލަސްއިން މިހާރު ދައްކަމުން އަންނަ ޑްރާމާ ސީރީޒްތަކުގެ ތެރެއިން 5 ޑްރާމާ ސީރީޒްއެއް މިއަހަރުގެ ޖުލައި މަހުގެ ކުރިން ނިމުމަކަށް އަންނާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި މިހާރުވެސް ގިނަ ބަޔެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ނާމްކަރަން އާއި އިޝްގުބާޒު ހިމެނެއެވެ. ދެން ސްޓަރޕްލަސްއިން ދެއްކުން ހުއްޓާލަން ނިންމާފައިވާ ޑްރާމާ ސީރީޒްތަކަކީ މެރީ ދުރުގާ، އިކްޔާވަން އަދި ރިޝްތޯކާ ޗަކްރަވިޔު ކަމަށް ރިޕޯޓްތައް ބުނެއެވެ. މިޑްރާމާ ސީރީޒްތަކަކީ ދާދިފަހުން ފަށާފައިވާ ސީރީޒްތަކަށް ވާއިރު މި ޑްރާމާ ތައް ނިންމާލުމަށް ސްޓަރ ޕްލަސްއިން ނިންމީ މިޑްރާމާތަކުގެ ޓީއާރުޕީ ރޭޓްސް ދައްކަމުންކަމުގައި ވެއެވެ. މިޑްރާމާ ސީރީޒްތަކުގެ ތެރެއިން ނާމްކަރަން މިހާރުވެސް ވަނީ 10 އަހަރު ފަހަށް ޖެހި ޑްރާމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އިޝްގުބާޒްގައި ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭއިރު މިހާރުވެސް އުޅެނީ ގޮތްނޭންގޭ ކަންތައްތަކެއްގެ ތެރޭގައެވެ. ޑްރާމާތަކުގެ ޓީ.އާރު.ޕީ ރޭޓްސް ދަށްވެ ސްޓަރ ޕްލަސް ބަލާ ފަރާތްތަކުގެ އަދަދު މަދުވަމުންދާތީ މުޅިން އާ ޚިޔާލުތަކަކާއެކު ޑްރާމާތަކެއް އުފެއްދުމުގެ ވިސްނުން ސްޓަރ ޕްލަސްއިން ގެންގުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިހާރުވެސް ބައެއް ސްކްރިޕްޓްތައް ސްޓަރ ޕްލަސްއަށް ލިބިފައިވާކަމަށް ވެއެވެ. މީގެއިތުރުން މީގެ ކުރިން ސްޓަރ ޕްލަސްއިން ދައްކާފައިވާ ކާމިޔާބު ޑްރާމާތައް އަލުން އުފެއްދުމުގެ ވިސްނުން ގެންގުޅެމުންދާކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ދާދިފަހުން އެކްތަރ ކަޕޫރު ވަނީ އޭނާގެ އެންމެ ކާމިޔާބު ޑްރާމާ ސީރީޒް " ކަސޯޓީ ޒިންދަކީ ކޭ " އަލުން ސްކްރީނަށް އަންނާނެކަމުގެ އިޝާރާތެއް ދީފައެވެ. މިޑްރާމާތައް އަލުން އައުމާއެކު ސްޓަރޕްލަސް ބަލާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާނެކަމަށް ސްޓަރ ޕްލަސްއިން ޤަބޫލުކުރެއެވެ. މިހާރުވެސް އާ ދެ ޑްރާމާއެއްގެ ޕްރޮމޯ އަންނަނީ ސްޓަރ ޕްލަސްއިން ދައްކަމުންނެވެ.
ކޮންމެ އަކަސް ސްޓަރ ޕްލަސްއިން މި 5 ޑްރާމާ ސިރީޒް މިއަހަރު ތެރޭގައި ހުއްޓާލަން ނިންމާފައިވުމަކީ މިޑްރާމާތަކުގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ނުވާނެއެވެ. ނަމަވެސް ހިންދީ ޑްރާމާ ތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަނެއްކާވެސް އާ ޑްރާމާތަކެއް ބަލާލުމުގެ ފުރުސަތު އެއާއެކު ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް