އިމްރާން ދޫކޮށްލުމަށް ދީނީ 40 އިލްމުވެރިއަކު ގޮވާލައްވައިފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދޫކޮށްލަން ގޮވާލާ ދީނީ އިލްމުވެރިްގެ 40 ބޭފުޅަކު ގޮވާލައްވައިފި އެވެ. ދީނީ އިލްމުވެރިންގެ 40 ބޭފުޅަކު ސަރުކ...

20 Feb 2018 | 23:55

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދޫކޮށްލަން ގޮވާލާ ދީނީ އިލްމުވެރިްގެ 40 ބޭފުޅަކު ގޮވާލައްވައިފި އެވެ.

ދީނީ އިލްމުވެރިންގެ 40 ބޭފުޅަކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިކަމަށް ގޮވާލައްވާފައިވަނީ އެ 40 ބޭފުޅުން ސޮއިކޮށް އާންމު ކުރެއްވި ޕެޓިޝަނެއްގައި އެވެ.

އެ ޕެޓިޝަނުގައި ބުނެފައިވަނީ އިމްރާންގެ މައްޗަަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުން، ޖިނާއީ ދައުވާ އުފުލުމާއި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމާއި އަދި ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ އަސާސީ މިންގަނޑުތަކާ އަރައިރުން ވާ ކަންކަން ފާހަގަ ކުރެވޭ ކަމަށާއި އިމްރާންގެ މައްޗަށް ހިންގި ޝަރީއަތް ބިނާކޮށްފައި ވަނީ ތުހުމަތު ކުރެވޭ ފަރާތާއި ދިފާއީ ވަކީލުންނާ ވެސް ހިއްސާ ނުކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކާއި އަދި ސުވާލު ކުރެވޭނެ އެކަށީގެންވާ ފުރުސަތު ނުލިބޭހެން ސިއްރު ހެއްކެއްގެ މައްޗަށް ކަމަށެވެ.

"އެހެންވެ ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރަން އޮންނަ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް، އިމްރާނުގެ މައްޗަށް ކުށް ސާބިތު ކުރެވިފައިވާ ކަމަށް ގަބޫލު ކުރެވޭނެ ޖާގައެއް ނެތް" އެ ޕެޓިޝަނުގައި ބުނެފައި ވެ އެވެ.

އެ ޕެޓިޝަނުގައި ބުނެފައިވަނީ ޝެއިޚްއިމްރާނަކީ، ރާއްޖޭގައި އިސްލާމީ ދީން ފެތުރުމަށާއި އެ ދީނުގެ ސައްހަ އަގީދާ ދިވެހިންގެ ތެރޭގައި ކުރިއެރުވުމަށް ނުހަނު ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އިސްވެ ހުންނަވައި ނެރުއްވި އެ ޕެޓިޝަންގައި ސޮއިކުރެއްވި ދީނީ އިލްމުވެރިންގެ ތެރޭގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފާއި ޑރ. އަބްދުﷲ ޖަމީލާއި ޑރ. އަހުމަދު ޒާހިރު އަލީ އާއި އިލްޔާސް ހުސެއިނާއި ހަސަން ލަތީފް މޫސާ ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް