އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)ގެ ފަރާތުންވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހެޅި އެވެ. މި ޕްރެޒެންޓޭޝަންތަކުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައި.އެލް.އޯ.) އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރައްވާފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މަޢުލޫމާތު ތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ. އެގޮތުން، ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީ.ޑީ.ޕީ. އާއި، ބޭރު ފައިސާގެ ރިޒާވްއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިގްތިސާދަށް ކުރާނެ އަސަރުތަކާއިމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑު އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް