"މުރަކަ": ދުނިޔޭގެ ފަސް ވަނައަށް އެންމެ އަގުބޮޑު ކޮޓަރި!

ދުުނިޔޭގެ ފަސް ވަނައަށް އެންމެ އަގުބޮޑު ކޮޓަރީގެ ގޮތުގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ "މުރަކަ" ހޮވިއްޖެ އެވެ. ޕްރައިވެޓް ޖެޓް ލައިފްސްޓައިލް މެގަޒިންއެއް ކަމަށްވާ އެލިޓް ޓްރެވަލާއިން އާންމ...

21 Jan 2020 | 07:46

ދުުނިޔޭގެ ފަސް ވަނައަށް އެންމެ އަގުބޮޑު ކޮޓަރީގެ ގޮތުގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ "މުރަކަ" ހޮވިއްޖެ އެވެ.

ޕްރައިވެޓް ޖެޓް ލައިފްސްޓައިލް މެގަޒިންއެއް ކަމަށްވާ އެލިޓް ޓްރެވަލާއިން އާންމުކޮށްފައިވާ މި ލިސްޓުގައި ހިމެނެނީ އެއް ދުވަސް ހޭދަކޮށްލުމަށް އެންމެ ބޮޑު ފީއެއް ދައްކަންް ޖެހޭ100 ކޮޓަރީގެ މައުލޫމާތެވެ. ކަނޑު އަޑީގައި އެއްބައި އަދި ފެން މަތީގައި އަނެއް ބައި ހިމެނޭ ގޮތަށް ކޮންޑްރެޑްގައި ހަދާފައިވާ މޫދު އަޑީގެ މި ގޭގައި އެއް ދުވަސް ހޭދަ ކުރުމަށް 50،000 ޑޮލަރު (771،000 ރުފިޔާ) ދައްކަން ޖެހެ އެވެ.

މިތަން ހުޅުވާފައިވަނީ ނޮވެމްބަރު އެކެއް2018 ގައި އެވެ.

އެގޭގައި އާންމުކޮށް މުއްސަނދި ގެއެއްގައި ހުންނަ ހުރިހާ ހިދުމަތެއް ލިބެން ހުންނަ އިރު ކަނޑު އަޑީގައި ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އަދި ފާހާނާއެއް ހުރެ އެވެ. އެހެން ހިދުމަތްތައް ލިބެން ހުންނަނީ މަތީގައި ގައި އެވެ. މި ގޭގެ ކޮޓަރިތައް ހަދާފައިވަނީ ކަނޑު އަޑީގެ 16.4 ފޫޓު އަޑީގައި އެވެ.

ވަށް ސިޑިއަކުން ފައިބަން ޖެހޭ މުރަކަ ރެސިޑެންސްގެ މަތީ ފްލޯގައި ހިމެނެނީ ޓުވިން ސައިޒްގެ ބެޑްރޫމަކާއި ޕައުޑާ ރޫމް، ޖިމް، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި ގުޅިފައި ހުންނަ ލިވިން ރޫމަކާއި ބަދިގެއެއް އަދި ޑައިނިން އަކާއި ބާ އެކެވެ.

އެ ވިލާގެ ފަހަތުގައި އިރު އަރައިގެން އަންނަ މަންޒަރު ރީތިކޮށް ފެންނަ ގޮތަށް ހަދާ ޑެކްގައި އިންފިނިޓީ ސުވިމިން ޕޫލެއް އޮވެ އެވެ. އެ ފްލޯގައި އިތުރު ކިންގް ސައިޒުގެ ބެޑްރޫމަކާއި މޫދު ފެންނަ ގޮތަށް އޮވެވޭ ބާތުޓަބެއް ހިމެނޭ ފާޚާނާއެއް ވެސް ހުރެ އެވެ.

މި ވިލާ ހަދާފައިވަނީ އެކުއޭރިއަމް ޓެކްނޮލޮޖީއަށް ޚާއްޞަ ނިއުޒިލޭންޑުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެމް.ޖޭ މާރފީ ލިމިޓެޑުންނެވެ.

އެލިޓް ޓްރެވަލަރއިން ނެރެފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ރިސޯޓް ހޮޓާ ކޮޓަރިތަކުގެ ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ލާސް ވޭގަސްގެ ޕާރމްސް ކެސިނޯ ރިސޯޓްގެ "ދަ އެންޕަތީ ސުއިޓް"އަށެވެ. މިތަނުގައި އެއްރޭ ހޭދަކުރުމަށް 200،000 ޑޮލަރު ހޭދަ ކުރަން ޖެހެ އެވެ.

މި ލިސްޓުގެ ދެ ވަނަ އިގައި ހިމެނެނީ ސްވިޒަލޭންޑުގެ "ރޯޔަލް ޕެންޓްހައުސް ސުއިޓް" އެވެ. މިތަނުގައި ރެޔަކަށް 81،000 ޑޮލަރު ދައްކަންޖެހެއެވެ. ތިން ވަނައިގައި ނިއުޔޯކްގެ "ދަ މަރކް ޕެންޓްހައުސް" ހިމެނޭއިރު މިތަނުގެ އަގަކީ 75،000 ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް