ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ކުރިމަތިވަމުންދާ ފުރައްސާރަތައް ކިޔައިދޭ ވީޑިއޯއެއް އާންމުވެފައިވާތީ އެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މީޑީއާގައި ވިދާޅުވީ އެ ވީޑިއޯގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެގޮތުން ވީޑިއޯގައި އެ ކުއްޖާ ފާހަގަކޮށްފައިވާ މައްސަލަތައް ހިނގާފައިވޭތޯ އާއި ހިނގަމުން ދޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިއްޔެ އާންމުވި އެ ވީޑިއޯ އަކީ އާއިލީ ބައްދަލުވުމެއްގައި ނަގާފައިވާ ވީޑިއޯއެއްކަމަށްވެ އެވެ. އެ ވީޑިއޯގައި އެތަނުގައި އެ ކުއްޖާއަށް ދިމާވާ ކަންކަމުގެ ވާހަކަ ކިޔައިދެނީ ރޮމުންނެވެ.
އެ ކުއްޖާ ބުނީ ހިޔާގައި އުޅޭ ބައެއް ކުދިން އެ ކުއްޖާ އާއި ދިމާކޮށް އެއްޗެހި ކިޔާ ކަމަށާއި ނުރުހޭ ގޮތަށް ބަލާ ހަދާ ކަމަށެވެ. އަދި އެހެން ކުދިންނާއި އަޅުވާ ކިޔާވާހަކަ ބުނުމަށް ފަހު ބުނެފައިވަނީ ކުދިން ބަލަހައްޓާ ދައްތަމެން ކައިރީ އެވާހަކަ ބުންޏަސް އަޅާ ނުލާ ކަމަށެވެ.
ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިންނަށް އިހުމާލުވާ ކަމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެގޮތުން އެތަނުން ކުދިން ފިލުމާއި، ބަލަހައްޓަން ތިބޭ މީހުންގެ އިހުމާލުގެ މައްސަލަތައް ތިލަވެ އެވެ.
މިދިޔަ އަހަރު ހިޔާގައި އުޅޭ ކުއްޖަކު ފިލި އިރު އެ ކުއްޖާ ފެނިފައިވަނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ކުޑަކުދިންގެ ހިޔާއިން ކުޑަ ކުއްޖަކަށް ގޯނަކުރިކަމަށް ބުނެ އެތަނުގެ ހަތް މުވައްޒަފަކު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ވަޒީފާއިންވެސް ވަކިކުރި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި 150 ކުއްޖެެއް ބަލަހައްޓަމުން ދާއިރު، އޭގެތެރޭގައި ހިމެނެނީ 12 އަހަރުން ދަށުގެ 106 ކުއްޖަކާއި، 12 އަހަރުން މަތީގެ 44 ކުއްޖެެއް ކަމަށްވެ އެވެ.
މީގެ ތެރެއިން12 އަހަރުން ދަށުގެ ކުޑަކުދިން ބަލަހައްޓަމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އެވެ.12 އަހަރާއި18 އަހަރާއި ދެމެދުގެ ކުދިން ބަލަހައްޓަމުން ދަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް