ޓާމިނަލް ދިނުމާ ދެކޮޅު ހެދި މުވައްޒަފުން ވަޒީފާއިން ވަކިކުރި ވާހަކަ ދޮގުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ ހިންގުން ޓީއެމްއާއި ހަވާލު ކުރުމާއި ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރި ކަމަށ...

21 Jan 2020 | 04:30

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ ހިންގުން ޓީއެމްއާއި ހަވާލު ކުރުމާއި ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.

"މިހާރު" ނޫގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓާމިނަލް ޓީއެމްއަށް ދިނުމާއި ދެކޮޅު ހެދި އިސް ދެ މުވައްޒަފު ވަނީ މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ވަކިކޮށްފަ އެވެ.

އެކަން ދޮގުކޮށް އެމްއޭސީއެލްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ތެދު ދޮގު ބެލުމެއްނެތި އެފަދަ ހަބަރެއް ލިޔުމުން ހިތާމަ ކުރާކަމަށެވެ.

އެކުންފުނިން ބުނެފައިވަނީ ޓީއެމްއޭއަށް ސީ ޕްލޭން ޓަމިނަލް ދިނުމާއި ގުޅޭ މައްސަލައިގަ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްއޭސީއެލްއަކީ އެއްވެސް ސަބަބެއް ނެތި މުވައްޒަފުން ވަކި ކުރާ ކުންފުންޏެއް ނޫންކަމަށާއި މުވައްޒަފުންނާއި ދޭތެރޭ ކަންތައް ކުރަނީ ވަރަށް ހަމަހަމަ ކަމައި އެކު ކަމަށެވެ.

https://twitter.com/MACLmedia/status/1219264907654225926

އަލަށް ހެދި ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ފައިދާވާގޮތަށް ޓީއެމްއޭއަށް އެކަނި ކޮންޓްރޯލް އޮންނަގޮތަށް ދޭން ނިންމާފައިވާ ކަމަށް އަޑުފެތުރެން ފެށުމުން އެމްއޭސީއެލްއިން މީގެ ކުރިން ވަނީ ސީޕްލޭން ޓަމިނަލް ހިންގާނީ އެ ކުންފުނިން ކަމަށް ބުނެފަ އެވެ. އެކަމަކު އެކަން ދޮގުކޮށް އެމްޑީޕީގެ ދާންދޫ ދާއިރާގެ މަޖިލީސް މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ވަރަށް އަވަހަށް އެ ކުންފުންޏާއި ޓަމިނަލް ހަވާލު ކުރާނެ ވިދާޅުވެފައި އެވެ.

އެ ވާހަކަފުޅު އެމްއޭސީއެލްއިން ދޮގެއް ނުކުރެ އެވެ. ޔައުގޫބު ވިދާޅުވީ ޓާމިނަލްގެ ހިންގުން ޓީއެމްއޭއަށް އެކަނި ކޮންޓްރޯލް އޮންނަ ގޮތަށް ހިންގަން ހަވާލުކޮށްފި ނަމަ އެކަން ކުރި ބަޔަކު މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް