ފާފަތައް ކުރެވުނަސް ނަމާދާއި ދުރު ނުވާށެވެ

އަހަރެންނަށް ކުށް ކުރެވެއެވެ. ފާފަތަކަށް އަރައިގަނެވެއެވެ. އެހެނަސް އަހަރެން ނަމާދުކުރަންވީ ހެއްޔެވެ. އަހަރެންނަކީ ބައެއް ފަހަރު މަސްތުވާތަކެތި ބޭނުން ކުރެވޭ މީހެކެވެ. އެހެނަސް އަހަރެން ނަމާދުކުރަންވީ...

21 Jan 2020 | 03:34

އަހަރެންނަށް ކުށް ކުރެވެއެވެ. ފާފަތަކަށް އަރައިގަނެވެއެވެ. އެހެނަސް އަހަރެން ނަމާދުކުރަންވީ ހެއްޔެވެ. އަހަރެންނަކީ ބައެއް ފަހަރު މަސްތުވާތަކެތި ބޭނުން ކުރެވޭ މީހެކެވެ. އެހެނަސް އަހަރެން ނަމާދުކުރަންވީ ހެއްޔެވެ. އަހަންނަކީ ބުރުގާ އަޅާ މީހެއް ނޫނެވެ. އެހެނަސް އަހަރެން ނަމާދުކުރަންވީ ހެއްޔެވެ.

އޭ އުޚުތާއެވެ. އޭ އަޚާއެވެ. ތިބާގެ ހަޔާތުގައި ކުރަމުންދާ ކުށްތަކާއި ފާފަތައް މުޅިން ހުއްޓާލުމަށްފަހު ނަމާދުކުރަން ވިސްނަނީ ހެއްޔެވެ. އޭރުން ފަހަރެއްގައި މާ ލަސްވެދާނެއެވެ. ތިޔަ ކުރަމުންދަނީ ކޮންމެ ފަދަ ފާފައެއް ނުވަތަ ކުށެއް ކަމަށް ވިޔަސް ނަމާދުކުރުން މަތީ ދެމި ހުންނާށެވެ. ނަމާދުކުރާނަމަ އިރާދަކުރެއްވިއްޔާ ތިޔަ ކުރާ ފާފަ އާއި ކުށްތައް ހުއްޓާލާ މާ އުފާ ފާގަތި ދިރިއުޅުމެއް ލިބިދާނެއެވެ.

ނަމާދުތައް ތިބާ ފާހިޝް އަމަލުތަކާއި ދުރުކޮށްލާނެއެވެ. ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެ ހަޒްރަތަށް ރުޖޫޢު ވާށެވެ. ބިރުވެރިކަމާއި އުއްމީދާއި އެކުގައެވެ. ތިބާގެ ބޮޑާ ކަމާއި ފޮނިކަން ދޫކޮށްލުމަށް ފަހު އަޅާ އާއި އެކަލާގެ އާއި އެންމެ ކުށްތައް ވެގެންވާ މަގާމަށް ރުޖޫއަވާށެވެ. ތިބާގެ ނިތްކުރި ބިންމަތީގައި ބާއްވާށެވެ. ސަޖިދާގައި އޮވެ، އެކަލާގެ އަށް ދަންނަވާށެވެ. ތިބާގެ މަންމަ ނުވަތަ ބައްޕަ ތިބާ އާދޭހާއި އެކު ކަމެއް އެދޭނަމަ، އެކަމަކީ ތިބާއަށް ރަނގަޅުކަމެއްނަމަ ކުރެވެން އޮތިއްޔާ ކޮށްދޭނެއެވެ. ﷲ (ސވއ) އީ ތިބާގެ މައިންބަފައިންގެ ހިތުގައި ތިބާއަށްޓަކައި އެ ލޯބި އުފެއްދެވި ރަސްކަލާގެއެވެ. އެކަލާގެ ތިބާ ދެކެ އިންތިހާއަށް ލޯބިވެވޮޑިގެންވެއެވެ. އެކަލާގެ ތިބާ ދެކެ ވާލޯބި ތިބާއަށް އިހްސާސް ވެސް ނުވާނެއެވެ. އިންސާނާގެ ހިތާއި ސިކުނޑިއަށް ތަސައްވުރު ކުރެވޭ ވަރަށްވުރެ މާ މާތް މަތިވެރި އިލާހީ ލޯތްބެކެވެ. އިހްސާންތެރިކަމުން ފުރިގެންވާ ލޯތްބެކެވެ. އެކަލާގެއީ އުޑުތަކާއި ބިމުގެ ވެރި ރަސްކަލާގެއެވެ. ހުރިހާ ކަމެއް އަދި ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވަނީ އެކަލާގެއަށެވެ.

އޭ އުޚުތާއެވެ. އޭ އަޚާއެވެ. އަވަހަށް ނަމާދަށް އަވަސް ވެގެންނާށެވެ. ދުވަސްކޮޅަކު މިހެން އުޅެފައި ފަހުން ނަމާދުކުރަން މަޑުނުކުރާށެވެ. ފަހަރެއްގައި މިއަދަކީ ތިބާގެ ހަޔާތުގެ އެއްމެ ފަހު ދުވަހަށް ވެސް ވެދާނެއެވެ. އަޒުމް ކަނޑައަޅާށެވެ. ޝައިތާނާ ދަންތުރައިން ސަލާމަތްވާށެވެ. މާދަމާ އަށް ލަސްނުކުރާށެވެ. އެ މާދަމާ ތިބާ އަށް ނުފެނިދާނެއެވެ. ވަގުތު ދަނީ ބާރަށް ހިނގަމުންނެވެ. މާ ސިންގާ އުޑާއި ސަރާސަރު ބިމަށްވުރެ މާބޮޑަށް ތަނަވަސްވެގެންވާ ރަހުމަތަށް ފުރަގަސްނުދޭށެވެ. ތިބާގެ ހަޔާތުގެ މާޒީގެ ހަނދާންތަކުގެ ހުރަގޭގައި ބަދެވިފައި ނުހުންނާށެވެ. އަވަހަށް ނަމާދުކުރަން ފަށާށެވެ. އިސާހިތަކު މުޅި ދިރިއުޅުން ބަދަލުވެ ދުނިޔެއާއި އާޚިރަތުގެ ނަސީބު ތިބާއަށް ލިބިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް