ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނައިބް ރައީސާއި ބައްދަލުކުރައްވައިފި

ދިވެހި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އުމަރު އަބްދުލް ރައްޒާގު، ނައިބް ރައީސް ފައިސަލް ނަސީމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލ...

21 Jan 2019 | 09:16

ދިވެހި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އުމަރު އަބްދުލް ރައްޒާގު، ނައިބް ރައީސް ފައިސަލް ނަސީމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢުމަރު ޢަބްދުލްރައްޒާޤަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެގުޅުން އެމަނިކުފާނުގެ އެހީތެރިކަމާއެކު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ސަފީރު އަބްދުލް ރައްޒާގު ވަނީ އެމަނިކުފާނުގެ ސަފީރު ކަމުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކޮށްދޭނެ ކަމުގެ ޔަގީންކަން ނައިބް ރައީސަށް ދެއްވައިފައެވެ. އަދި މީގެ އިތުރުން ސަފީރު ވިދާޅުވިގޮތުގައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، ޚާއްޞަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި މީގެއިތުރުންވެސް ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މި ބައްދަލުވުމުގައި، ދެފަރާތުގެ ފަރާތުން ވަނީ ދެގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިކޮށް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކާއު ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާވާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް