މިއަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފިއެވެ.
އިލެކްޝަނު ކޮމިޝަނުގެ ފަރާތުން މިމަހުގެ 20 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވާގޮތުގައި، އުމުރުން 18 އަހަރުން މަތީ، އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ކުރެވިފައި ނުވާ އަދި އެއްވެސް ޖިނާއީ ކުށެއް ތަންފީޒު ކުރަމުން ނުދާ ކޮންމެ މީހަކަށް މިފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި ޝާމިލުވެ ނޫޅުން ވެސް ކޮމިޝަނުން ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މި އަންނަ މާޗް މަހު، އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ނުކުރައްވާ ބޭފުޅުންނަށްވެސް އޮފިޝަލަކަށް ވުމުގެ ފުރުސަތެއް ނޯނާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ޝަރުތު ހަމަވާ ފަރާތްތަކުން 07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު ،އަތޮޅު، ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުމަށް އެދިފައެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު،އަތޮޅު، ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް އިން ލިބެންހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް