ޓޫރިޒަމް ދާއިރާގައި ހުރި ބައެއް މުހިންމު ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އިސްލާހު ކުރަން ހަމަޖެހިފައިވާ ގާނޫނުތަކަށް އިސްލާހު ގެންނާނެ ގޮތުގެ، ހިޔާލު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފާއިވާނެ ކަމަށާއި އަދި މި ފުރުސަތު ހަތް ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވިގޮތުގައި، އިސްލާހު ގެންނަން ހަމަޖެހިފައިވާ ބައެއް ގާނޫނު ތަކުގެ ތެރޭގައި، ޓޫރިޒަމް ދާއިރާގެ ފަޔާ ރެގިއުލޭޝަންސް އާއި ސޭފްޓީ ރެގިއުލޭޝަންސްގެ އިތުރުން ރިސޯޓާއި ގެސްޓްހައުސް ރެގިއުލޭޝަންސް އާއި ޓްރެވަލް އެޖެންސީ ރެގިއުލޭޝަންސް ހިމެނޭ ކަމަށެވެ. މިހުރިހާ ގާނޫނު ތަކަކަށް އިސްލާހް ގެންނަ އިރުވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ގަވާއިދުތައް އިސްލާހު ކުރުމުގައި މި ދާއިރާގެ އެކްސްޕާޓުންގެ އިތުރުން އާއްމުންގެ ހިޔާލު ވެސް ބޭނުންވޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އެބަތިބި ކަންކަން އިސްލާހު ކުރަން ބޭނުންވާ އެތައް ބަޔަކު. އެހެންވެ، ހުރިހާ މީހުންނަށް ވެސް ފުރުސަތު ދީގެން ކުރިއަށް ގެންދާނީ،" އަލީ ވިދާޅުވި އެވެ.
ޓޫރިޒަމްގެ ދާއިރާގައި ހުރި ގިނަ ގަވައިދުތަކަކީ އިސްލާހެއް ނުގެނެސް ވަރަށް ގިނަ ދުވަސްވެފައިވާ ގަވައިދުތަކެކެވެ. އަދި މިގަވައިދުތައް އިސްލާހު ކުރުމަށް ކުރިންވެސް ވަނީ އެތައް ބަޔަކު ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް