ސްޕެނިޝް ލީގުގައި ބާސެލޯނާއިން 3-1 އިން ލެގަނޭސް ބަލިކޮށް، ލީގު ތާވަލުގެ އެއް ވަނައިގައި 5 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ކުރިއަށް، ސްޕެނިޝް ކަޕްގައި ސެވިއްޔާ އާ ދެކޮޅަށް ކުޅޭ މެޗު އޮތުމާއެކު އަރާމުކުރަން ވަގުތު ދިނުމުގެ ގޮތުން ފުރަތަމަ 11 ގައި މެސީ ނުހިމަނާ ފެށި މެޗުގައި އެންމެ މޮޅު ކުޅުމެއް ފެނިގެން ދިޔައީ އޮސްމާން ޑެމްބެލޭގެ ފަރާތުންނެވެ. ފުރަތަމަ ސީޒަންގައި އަނިޔާގެ މައްސަލަތަކާއި އަޚުލާޤީ މައްސަލަތަކުގެ ސަބަބުން ގިނަ މެޗުތައް ކުޅެން ނުލިބުނަސް، ފަހަކަށް އަހިސް ބާސާގައި މުހިންމު ކުޅުންތެރިއަކަށް ވެފައިވާ ޑެމްބެލޭ ވަނީ ރޭގެ މެޗުގައި ވެސް ލަނޑު ޖަހާފައެވެ.
ބާސާއަށް މެޗުގެ ފުރަތަމަ ހާފުގައި ގޯލު ހުޅުވާލަ ދިނުމުގެ އުފާ ޑެމްބެލޭއަށް ލިބުނު ނަމަވެސް، ރޭގެ މެޗާ އޭނާ ވަކިވާން ޖެހުނީ ހިތިކޮށެވެ. މެޗުގެ 69 ވަނަ މިނިޓުގައި ލިބުނު އަނިޔާ އަކާ ގުޅިގެންނެވެ. ބާސާއާ ގުޅުމަށްފަހު ކުޅުން އެންމެ ރަނގަޅުވި ދުވަސްވަރު އަނިޔާއަކާ ކުރިމަތިވުމަކީ ޑެމްބެލޭއަށް އަދި ބާސާއަށް ވެސް ލިބޭނެ ނުތަނަވަސް ކަމެކެވެ. ޑެމްބެލޭގެ އަނިޔާ ތަފްސީލާއި، ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތު އަދި ނޭނގެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ޑެމްބެލޭ ޖެހި ލަނޑުން ބާސާ ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ، ލެގަނޭސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލް-ނަސޭރީ ހަލުވި ދުވެލީގައި އަރިމަތިން ބޯޅަ ހިފައިގެން އަރާ ހުރަސްކޮށްލުމުން، ބާސާގެ ގޯލަށް ބޯޅަ ފޮނުވާލީ ބްރެތުވެއިޓްއެވެ.
ލެގަނޭސް އިން ނަތީޖާ ހަމަހަމަ ކުރުމުން، ބާސެލޯނާއިން 3 ޕޮއިންޓް ހޯދުމުގެ މުހިންމު ކަމަށްޓަކާ މެސީ ކުޅެން އެރިއެވެ. އެއާއެކު ބާސާގެ ކުޅުން ރަނގަޅު ވިއެވެ.
ބާސެލޯނާއަށް 2 ވަނަ ފަހަރަށް ލީޑު ނަގައިދިނީ އެ ޓީމުގެ ސެންޓަރ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މި ލަނޑާމެދު ސުވާލު އުފެދުނުއިރު، ވީއޭއާރް ރިވިޔުއަށް ފަހު ވެސް ނިންމީ މިއީ ލަނޑެއް ކަމަށެވެ. އެހެނަސް، ޓީވީ ރީޕްލޭ އިން ފެންނަނީ ލެގަނޭސްގެ ގޯލްކީޕަރުގެ އަތަށް ބޯޅަ ލިބުމަށްފަހު، ސުއަރޭޒް ހޫރާލި ފައިން ލެގަނޭސްގެ ކީޕަރުގެ އަތުގެ ދަށް ފަރާތުގައި ޖެހި ބޯޅަ ދޫވެގެން ގޯލަށް ވަންނަ މަންޒަރެވެ.
ބާސެލޯނާއަށް މެޗުން 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ ލިއޮނަލް މެސީއެވެ. އޭނާ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ.
މި މޮޅާއެކު ބާސާ ތާވަލުގެ 1 ވަނައިގައި އޮތީ ކުޅުނު 20 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 41 ޕޮއިންޓް ލިބިފައިވާއިރު، 36 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް