އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާއަށް ނިސްބަތްވާ ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ ވެސް މޮޅުވެއްޖެއެވެ.
ޔުނައިޓެޑް ރޭ ބާންލީގެ މައްޗަށް ކުރި ހޯދީ އެންތޮނީ މާޝިއަލް ކާމިޔާބު ކޮށްދިން ލަނޑާއެކު ހަނި ގޮތަކަށެވެ. އެހެންނަމަވެސް ރޭގެ މޮޅާއެކު އެ ޓީމަށް ވަނީ ލީގު ތާވަލުގެ 3 ވަނައިގައި އޮތް ޗެލްސީގެ މައްޗަށް 3 ޕޮއިންޓްގެ ލީޑެއް އަނެއްކާ ވެސް ލިބިފައެވެ. ރޭގެ މެޗުން ޔުނައިޓެޑް ބަލިވިނަމަ ޗެލްސީއާ އެއްވަރު ވީހެވެ.
ޔުނައިޓެޑްގެ ހަމައެކަނި ލަނޑު 54 ވަނަ މިނިޓުގައި މާޝިއަލް ކާމިޔާބު ކުރީ ލޫކާކޫގެ މޮޅު ކުޅުމާއެކު އޭނާ ދިން ޕާހަކުންނެވެ. ރޭގެ މެޗުގައި ބާންލީއަށް ވެސް ކައުންޓާ އެޓޭކްތަކުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
މެޗަކުން ބަލިނުވުމުގެ ވަރުގަދަ ރެކޯޑަކާއެކު ކުރިއަށް ދަނިކޮށް މިދިޔަ ހަފުތާގައި ލިވަޕޫލް އަތުން ބަލިވި ސިޓީން ރޭގައި ވަނީ 3-1 ގެ ނަތީޖާއިން ނިއުކާސްޓަލް ޔުނައިޓެޑް ބަލިކޮށްފައެވެ.
ރޭގެ މެޗުގައި ސިޓީން ޖެހި 3 ލަނޑު ވެސް އަގުއޭރޯ ކާމިޔާބު ކޮށްދީ ހެޓްރިކް ހެދިއިރު، ނިއުކާސްޓަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖޭކޮބް މާފީ އެވެ.
މި މޮޅާއެކު ސިޓީއަށް އަނެއްކާ ވެސް ވަނީ ތާވަލުގެ ކުރީގައި 12 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް