ސަތޭކަ ލަނޑު ހަމަކުރި މެޗުގައި ހަޒާޑް ދެއްކި މޮޅު ކުޅުމާއެކު ޗެލްސީ މޮޅުވެއްޖެ

ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑްގެ ހިތްގައިމު މޮޅު ކުޅުމާއެކު ޗެލްސީން 4-0 ގެ ނަތީޖާއިން ބްރިޓަން އެންޑް ހޯވް އަލްބިއޮން ބަލިކޮށް ހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ. މި މެޗުގައި އެޑެން ހަޒާޑް 2 ލަނޑު ޖެހ...

21 Jan 2018 | 07:18

ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑްގެ ހިތްގައިމު މޮޅު ކުޅުމާއެކު ޗެލްސީން 4-0 ގެ ނަތީޖާއިން ބްރިޓަން އެންޑް ހޯވް އަލްބިއޮން ބަލިކޮށް ހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ. މި މެޗުގައި އެޑެން ހަޒާޑް 2 ލަނޑު ޖެހިއިރު، ފުރަތަމަ ޖެހި ލަނޑާއެކު އޭނާއަށް ވަނީ ވާދަވެރި ލީގު މެޗުތަކުގައި 100 ލަނޑު ކާމިޔާބު ކުރެވުމުގެ ޝަރަފު ވެސް ހާސިލް ކުރެވިފައެވެ.

އެޑެން ހަޒާޑް މީގެ ކުރިން ފްރާންސް ލީގުގައި ލިލްއަށް ކުޅުނުއިރު 36 ލަނޑު ޖެހިއިރު، ޗެލްސީއަށް ބަދަލުވުމަށްފަހު އޭނާ މިހާރު ވަނީ 65 ލަނޑު ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗަކީ ޗެލްސީން ޖެހިޖެހިގެން 5 މެޗުން އެއްވަރު ވުމަށްފަހު (3 މެޗު ނިމުނީ ލަނޑެއް ނުޖެހި، އެފްއޭ ކަޕްގައި ނޯވިޗް ސިޓީގެ މައްޗަށް ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓް އިން) މޮޅުވި ފުރަތަމަ މެޗެވެ.

މެޗު ފެށިގެން 3 ވަނަ މިނިޓްގައި ހަޒާޑް ލަނޑު ޖެހީ ބަޓްޝުއާއީ ތަނަވަސްކޮށްދިން ފުރުސަތެކެވެ. އޭގެ 3 މިނިޓް ފަހުން ވިލިއަމް ކާމިޔާބު ކޮށްދިން ލަނޑުން ޗެލްސީން ލީޑު ފުޅާ ކުރިއެވެ. މިއީ ވިލިއަމް ޗެލްސީއަށް ޖައްސަޖައްސައިގެން ކުޅެދިން 50 ވަނަ މެޗެވެ.

ފަސޭހަ ކަމާއެކު މެޗު ފެށުނު ނަމަވެސް ޗެލްސީއަށް 3 ވަނަ ލަނޑެއް ޖެހުނީ ދެވަނަ ހާފުގެ ބޮޑުބައެއް ކުޅެވުނު ފަހުންނެވެ. 77 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ރޭގެ މެޗުގައި ވަރަށް މޮޅު ކުޅުމެއް ދެއްކި ހަޒާޑެވެ. ޗެލްސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މޯސަސް އެވެ.

މި މޮޅާއެކު ޗެލްސީ މި ވަގުތު އޮތީ 50 ޕޮއިންޓާއެކު ލީގު ތާވަލުގެ 3 ވަނައިގައެވެ. ދެ ވަނައިގައި އޮތީ ރޭ ބާންލޭ އަތުން މޮޅުވި މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. ޔުނައިޓެޑާ އެއް ވަނައިގައި އޮތް ސިޓީއާ ދެމެދު އަދި ވެސް 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީ ވަނީ އަގުއޭރޯގެ ހެޓްރިކަކާއެކު ރޭ ނިއުކާސްޓަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް