ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޖުމްލަ 203 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމުގައި އެ މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި، ޑިސެމްބަރު މަހުގެ ތަފާސް ހިސާބުގައި އެވެ. އެ ތަފާސް ހިސާބުގައި ވާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 87 މައްސަލަ ޑިސެންބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ޑިސެންބަރު 2017ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 43 އިންސައްތައެވެ.
"މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ ޖުމްލަ 29 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ" ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ، އިހުމާލުވުމުގެ 13 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ކުދިންގެ ނާޖާއިޒުފައިދާ ނެގުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.
އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމުގައި އެ މިނިސްޓްރީން ބުނެފައި ވެ އެވެ. އަދި ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 7 މައްސަލައެއް މިދިޔަ މަހު ހުށަހަޅައިފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިޔުމުގެ 5 މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 1 މައްސަލަ، އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ ހިމެނޭ ކަމުގައި ބުނެފައި ވެ އެވެ.
"ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ޖުމްލަ 8 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 5 މައްސަލަ، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ 1 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ 1 މައްސަލަ، އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ. " މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުގައި ވެ އެވެ.
އެ ތަފާސްހިސާބުގައި ވާގޮތުން ޢާއިލީ މައްސަލަތަކުގެ 38 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 20 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 7 މައްސަލަ ހިމެނެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާއިރު މިއީ ޑިސެންބަރު 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 19 އިންސައްތަ ކަމުގައިވެސް މިނިސްޓްރީން ބުނެފައި ވެ އެވެ.
"މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 20 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. " މިނިސްޓްރީން ބުނެފައި ވެ އެވެ.
މިނިސްޓްރީން ބުނެފައިވަނީ މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 9 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 6 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، އަދި ފާރަލުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން " މި ފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލައެއް ހިމެނޭއިރު އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 8 މައްސަލައެއް ހުށަހަޅައިފައިވާކަމުގައިވެސް މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 1 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމުގައިވެސް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް