ފުލުހުންގެ އަގުވެއްޓޭގޮތަށް ދޮގު ހަބަރު ނުފެތުރުމަށް ކަސްޓަމްސް އިން އިލްތިމާސް ކޮށްފި އެވެ.
ކަސްޓަމްސްއިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި މީޑިއާތަކަށް އަމާޒުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ކަސްޓަމްސް އިން ބުނެފައިވަނީ ބޮންޑެޑް ވެއަރހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރަލުގެ ތެރެއިން ފަން އައިލެންޑް ރިސޯޓަށް ގަވާއިދާ ހިލާފަށް ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ހިންގާ ހާއްސަ އޮޕަރޭޝަނަކީ ކަސްޓަމްސް އިން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
"މި އޮޕަރޭޝަން ކަސްޓަމްސް އިން ހިންގަނީ، ކަސްޓަމްސްގެ ގާނޫނުން ކަސްޓަމްސް އަށް ލިބިދޭބާރުގެ ދަށުންނެވެ. މި އޮޕަރޭޝަން ހިންގުމުގައި ފުލުހުންގެ ދައުރަކީ، ކަސްޓަމްސް އިން އެދިއްޖެ އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ." ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބޮންޑެޑްވެއަރހައުސްތަކުން ދޫކުރާ ބަނގުރާ، ގާނޫނާއި ހަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ މަނާކަމެއް ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވީ ހިނދު، ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފު މައްސަލަތައް ބަލައި ތަހްގީގުކުރުމުގެ ބާރު ކަސްޓަމްސްއަށް ދީފައިވެ އެވެ.
"ވީމާ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭގޮތަށް އަދި ފުލުހުންގެ އަގު ވެއްޓޭގޮތަށް ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރަމެވެ." ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ކަސްޓަމްސްއިން ބޭނުންވެއްޖެނަމަ، ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ކަމަށާއި، އެގޮތުން އެހީތެރިކަމަށް އެދިއްޖެނަމަ، އެފަރާތްތަކުން ކަސްޓަމްސްއަށް އެހީތެރިވެ ދޭންވާނެ ކަމަށްވެސް ކަސްޓަމްސްގެ ގާނޫނުގައި ބަޔާންކޮށްފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް