ކޮވިޑު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކުރީގެ މިނިސްޓަރ އުމަރު ޒާހިރު އަވަހާރަ ވެއްޖެ އެެވެ.
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވި އިރު، އުމުރުފުޅަކީ 85 އަހަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކުރި ޓެސްޓަކުން ނެވެ. އަދި ހާލު ސީރިއަސްވުމުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށް އޮކްސިޖަން ގުޅައިގެން ފަރުވާ ދީފަ އެވެ.
ދާދިފަހުން ފުވައްމުލަކު ސިޓީގައި އުމަރު ޒާހިރުގެ އަމިއްލަ ޚަރަދުގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވުމަށްފަހު، އެނބުރި މާލެ ވަޑައިގެންނެވި ފަހުން އުޅުއްވަނީ ހުމުގެ އާލާސްކަން ފުޅާ އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ދައުލަތައް ޚިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫޢުތައް ހިމެނެ އެވެ.
މި މަޝްރޫއުތައް ހިންގި އިރު އެ މަސައްކަތުގެ މޭސްތިރިއަކަށް ވެ ވަޑައިގެން އުމަރު ޒާހިރު ހުންނެވީ ހައުސިންގ މިނިސްޓަރު ކަމުގެ މަޤާމްގަ އެވެ. އަދި 1953 ވަނަ އަހަރުން ފެށިގެން ދަޢުލަތައް ޚިދުމަތް ކުރެއްވި އިރު، ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް