އަރަބިއްޔާ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދިނުމަށް ނިންމައިފި އެވެ.
އެގޮތުން މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ސްކޫލު މިހާރުހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވައިފަ އެވެ. އަދި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައް ވެސް ވަނީ ޙިއްޞާކުރައްވާފަ އެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް