މަޖިލީހުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ ތަގުރީރު ކުރައްވަން ރުހުންދީފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުން ރުހުން ދީފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ކަނޑައ...

20 Dec 2021 | 07:49

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ބޭރު ގައުމެއްގެ ވެރިއަކު މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މަޖިލީހުގެ ރުހުން ލިބިގެނެވެ. އެގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ތަގުރީރު ކުރައްވަން ފެންނަ ކަަމަށް 44 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ދެއްވާފައި އެއް ނުވެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމާ މެދު ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް  ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އަދި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދާނެއެވެ. މިގޮތުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު ރަސްމީކޮށް އިއުލާނު ކުރާނެއެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަސީނާ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މިހާތަނަށް މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެ ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންގްއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ­.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް