އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެއަށް ދޭދޭ ޤައުމުތަކާއި އޮތް ގުޅުން ހީނަރުކުރުމަށް ހިންގާ ހަރަކާތެއް: އާޒިމް

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެއަށް ދޭދޭ ޤައުމުތަކާއި އޮތް ގުޅުން ހީނަރުކުރުމަށް ހިންގާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ...

20 Dec 2021 | 07:13

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެއަށް ދޭދޭ ޤައުމުތަކާއި އޮތް ގުޅުން ހީނަރުކުރުމަށް ހިންގާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބަންގްލަދޭޗްގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއިމެދު މެމްބަރުންގެ ރުހުން ހޯދުމަށް ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދއްކަވަމުން ނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅެގޮތުން އާޒިމް ވިދާޅުވީ އެއީ ރައްޔިތުންނަށް ނިކަމެތިކަން ކުރިމަތި ކުރުމަށް ހިންގާ ހަރަކާތެއް ކަމުގަ އެވެ.

"ރާއްޖެއަކީ ދޭދޭ ޤައުމުތަކާއި ގުޅުން ބަދަހި، ރަނގަޅު ގުޅުންތަކެއް އޮތް ޤައުމެއް. ޚާއްސަކޮށް އިންޑިއާ އަކީ ރާއްޖޭގެ އެތައް ރައްޔިތުން ބޭސްފަރުވާއާއި، ތައުލީމާއި އެނޫންވެސް ކަންކަން ފުއްދުމަށް ދަތުރު ކުރާ ޤައުމެއް. ނަމަވެސް ކުއްލިއަކަށް ކުރީގެ ރައީސަކު "އިންޑިއާ އައުޓް"ގެ ނަމުގައި އަމިއްލަ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް މަގުތަކަށް ނިކުންނަވައިގެން ހިންގަވަމުންދާ ހަރަކާތަކީ އެކަމުން ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ނޫން." އާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ މިހާރުވެސް ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ދައުވާތަކެއް އުފުލިފައިވާ ބޭފުޅަކަށްވާއިރު، ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ތެރެއަށްވަދެ، ރައްޔިތުންނަށް ނިކަމެތި ގޮތްތައް ކުރިމަތި ކުރުވަން އިތުރަށް މަސައްކަތް ކުރުމަކީ ބަލައިގެން ތިބެވޭނެ ކަމެއްނޫން ކަމަށެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މިހާރުވަނީ ވަރަށްބޮޑަށް ފުޅާކޮށްފަ އެވެ. އެގޮތުން މި ހަރަކާތުގައި އެޕާޓީގެ ސަޕޯޓަރުންނާއި މެމްބަރުން ހިންގާ ހަރަކާތްތައް އަތޮޅުތެރޭގައި ވެސް ވަނީ ފަށާފަ އެވެ.

ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެ ކެމްޕެއިން ދަނީ ކުރިއަށް ގެންދަވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް