މާލޭ ހުޅަނގު ދެކުނު ފަރާޓު ޓީ ޖެޓީ އާއި ހަވާލުވާން މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދަށް ގޮސްފި އެވެ.
އެ ޖެޓީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލު ކުރީ2015 ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީ އާއި އެކުވި އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ ކުންފުންޏަށް އެ ޖެޓި ދީފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ބުނެފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ޖެޓީ ހިންގުމަށް އެމްޕީއެލްއަށް ދީފައިވާ މުއްދަތު މިމަހުގެ12 ވަނަ ދުވަހު ހަމަވެފައިވާ ކަަމަށެވެ. އަދި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ތަން އެ ކައުންސިލާއި ހަވާލު ކުރުމަށް އަންގާފައިވެ އެވެ.
އެ މުއްދަތު ހަމަވުމުން މިއަދު ވަނީ ޖެޓީ ސަރަހައްދަށް ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންނާއި ލީގަލް ޓީމު ވަޑައިގެންފަ އެވެ. ޓީމުގައި އިސްކޮށް ހުންނެވީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.
މިކަމާއި ގުޅިގެން މީގެ ކުރިން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް، 2015 ގައި ހައުސިން މިނިސްޓްރީން ކަމަށެވެ. އެހެންވެ ޓީޖެޓީ އަތުލުމުގެ ބާރު ވެސް އޮންނާނީ ހަމައެކަނި ހައުސިން މިނިސްޓްރީ އަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެމްއޫޔޫގައި ވަކި މުއްދަތެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް