އެއްމެދު ޢިމާރާތުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްމެދު ޢިމާރާތުގެ ބިލު (ބިލު ނަންބަރު 2021/33) މިއަދު ތަސްދީޤުކުރައްވައިފި އެވެ. މި ބިލަކީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއް...

20 Dec 2021 | 06:14

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްމެދު ޢިމާރާތުގެ ބިލު (ބިލު ނަންބަރު 2021/33) މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު ޢިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު ޢިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން ހިމެނެ އެވެ.

އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ޢިމާރާތުގެ ބިމާއި ޢާންމު ސަރަޙައްދުތައް ބަލަހައްޓައި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި ޢިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރާ ފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު ޢިމާރާތްތަކާގުޅޭ މުޢާމަލާތްތައްކޮށް، އެއްމެދު ޢިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެއްމެދު ޢިމާރާތުގެ ބިލު (ބިލު ނަންބަރު 2021/33) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް