އެމްޓީސީސީގެ ހަޔާތުގައި އެންމެ ކާމިޔާބު ދެ އަހަރަކީ ފާއިތުވެދިޔަ ދެ އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެމްޓީސީސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްޤީގެ ތެރެއިން ހިދުމަތް ދިނުން ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމުކޮށްގެން ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަޙައްދަކުން، އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުންކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އެމް.ޓީ.ސީ.ސީ އަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޚާއްޞަކޮށް ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ.
ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމް.ޓީ.ސީ.ސީއާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައިވާކަން ހާމަކުރައްވައި، އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމް.ޓީ.ސީ.ސީ އިން ތައްޔާރުވަމުންއަންނަ ކަމަށާ، މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުޞަތުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުޅުވިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް