ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލ. ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނު މާލެ ވަޑައިގަތީ މިއަދު ހެނދުނު އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ގަން، ފޮނަދޫ އަދި ހިތަދުއަށް ވަނީ ވަޑައިގެންފައެވެ.
މިދަތުރުފުޅުގައި އެންމެފުރަތަމަ ވަޑައިގަތީ ގަމަށެވެ. އެރަށަށް ވަޑައިގެން އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން އެމަނިކުފާނު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ދެވަނައަށް ހިތަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހިތަދޫގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކާއި ރަށުގެ ރައްޔިތުންގެ ހުރި މުހިންމު ކަންބޮޑުވުންތަކާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު އެރުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހިތަދުއަށް ކުރެއްވި މި ޒިޔާރަތުގައި ހިތަދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދޭންފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ފޮނަދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފޮނަދޫގެ ތަރައްޤީއަށް މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ތިން ރަށަކަށް ކުރެއްވި މި ދަތުރުފުޅުގައި ލ. އަތޮޅުގެ މަސްވެރިންނާވެސް ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް ވަނީ އޮޅުންފިލުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް