ފަނޑިޔާރު އަރީފް ރިޓަޔަރ ކުރައްވައި ސުޕްރީމް ކޯޓުގެ ހިންގުން ޑރ. އަޒްމިރަލްދާ އަށް

ސުޕްރީމް ކޯޓުގެ ހިންގުމާއި ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އެ ކޯޓުގެ ހިންގުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ...

20 Nov 2019 | 18:14

ސުޕްރީމް ކޯޓުގެ ހިންގުމާއި ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އެ ކޯޓުގެ ހިންގުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރު އަރީފް ރިޓަޔަރ ކުރެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ.

އަރީފް ރިޓަޔަރ ކުރެއްވުމުން ސުޕްރީމް ކޯޓު ހިންގުން ޑރ. އަޒްމިރަލްދާއާއި ހަވާލުކޮށްފައިވާއިރު އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވެސް ޖޭއެސްސީން ވަނީ މިރޭ ނިންމާފައެވެ. އަދި ފަނޑިޔާރު ޣަނީ 60 ދުވަހަށް ސަސްޕެންޑް ކުރަންވެސް ޖޭއެސްސީން ނިންމާފައިވެއެވެ.

ފަނޑިޔާރު އަރީފް ރިޓަޔަރ ކުރައްވާފައިވާއިރު ޖޭއެސްސީން ދިޔައީ ފަނޑިޔާރު އަރީފްގެ މައްސަލަތަކެއްވެސް ބަލަމުންނެވެ.

ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ވަކި ކުރަން މަޖިލީހަށް ފޮނުވާފައިވާއިރު ރައްޔިތންގެ މަޖިލީހުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު އަބްދުﷲ މި ހަފްތާގެ ތެރޭގައި މަގާމުން ވަކިކޮށްފައެވެ.

މަޖިލީހުން ދެ ފަނޑިޔާރަކު ވަކިކޮށްފައިވާއިރު އަދި އެއް ފަނޑިޔާރަކު ރިޓަޔަރ ކުރައްވާފައިވާއިރު މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާނީ ހަތަރު ފަނޑިޔާރުންނެވެ. އެ ހަތަރު ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޣަނީ ވަކިކޮށްފިނަމަ ދެން ތިއްބަވާނީ މި ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް