ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ ހަފްލާއެއް ބާއްވައިފި އެވެ.
މި ޚާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފްލާގައި 61 މުވައްޒަފަކަށް މިއެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ.
35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމަރ ސަރވިސް މެނޭޖަރ އަދި 30 އަހަރު ބޭންކަށް ޚިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމަރ ޕްރޮސެސިންގ އަށް ވަނީ މި ހަފްލާގައި ޚާއްސަ އެވޯޑެއް ދީފަ އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ މުވައްޒަފުން ބޭންކުގައި އެހާމެ ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް މިރޭ މި ފާހަގަކުރަނީ ނުހަނު ފަޚުރުވެރިކަމާއެކު ކަމަށެވެ.
" ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރަން. މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ޓިމް ސޯޔަރ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ނެވެ.
އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް