ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ އާއި އުކުޅަހަށް ވަޑައިގެންފި އެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ތޮއްޑޫއަށެވެ. މިދަތުރުފުޅުގައި އެ އަތޮޅުގެ ހަ ރަށަކަށް ރައީސް ވަޑައިގެންނަވާނެ އެވެ.
ރަސްދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމިޓީގެ މެމްބަރުންނާިއ ބައްދަލު ކުރައްވާ ރަށުގެ ހާލަތު އޮޅުއްވިލުއްވާފަ އެވެ. އަދި ރަށަށް މިވަގުތު އެންމެ ބޭނުންވާ ކަންކަމުގެ މައުލޫމާތު އޮޅުން ފިލުއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރަސްދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއިން ވަގުތީ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދިގު މުއްދަތުގެ ޕްލޭނެއް ރާއްވަވާނެ ކަމަށް ވެސް ރައީސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިހާޜު އެ ރަށުގައި ކުރިޔަށްދާ އާރުއޯ ޕްލާންޓާއި ފެނުގެ ސްޓޮރޭޖް ޓޭންކެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ އިތުރުން، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއާއި އާ އިންޖީނުގޭގެ މަޝްރޫއު ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ނިމޭނެކަމަށެވެ.
އަދި ކުވައިތު ފަންޑުގެ އެހީގައި ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/presidencymv/status/1450862767649349640
ރައީސް ސޯލިހު މިރޭ އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ކޯވިޑް-19 ގެ ހާލަތަށްފަހު އުކުޅަހުގައި ފަތުރުވެރިކަން ރަނގަޅުވެ ގެސްޓްހައުސްތައް އަލުން ހިންގަން ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދެއްކެވި އެވެ.
ރައީސްގެ ދަތުރުފުޅުގަިއ މާދަމާ ވަޑައިގެންނަވާނީ މަތިވެރީގެ އިތުރުން ބޮޑުފޮޅުދޫ އާއި ހިމަންދޫއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް