ބިލު ނުދައްކައިގެން ނ. މާފަރު ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލައިފި އެވެ.
މާފަރު ކައުންސިލް އިދާރާއިން ކަރަންޓު ބިލު ދައްކާތަންތަނަކީ އޮފީހާއި، ޕްރީސްކޫލް، ފުޓްސަލް ދަނޑު، މިސްކިތްތައް އަދި މަގުތަބައްތިތަކާއި ބަނދަރެވެ. މިދިޔަ ދައުރުން ފެށިގެން މިއަދާ ހަމައަށް ނުދައްކާ ހުރި ކަރަންޓު ބިލްތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން މީޑިއާގައި ވިދާޅުވީ ކަރަންޓު ކަނޑާލީ އޭގެ ތެރެއިން ޕްރީ ސްކޫލާއި ކައުންސިލް އިދާރާގެ އިތުރުން ފުޓްސަލް ދަނޑުން ކަމަށެވެ. އެހެން ތަންތަނުން ކަރަންޓު ކަނޑާލާފަ ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލު ނުދައްކާ ހުރީ މިދިޔަ ދައުރުގައި ކަމަށާއި ފެނަކައިން ކަރަންޓު ކަނޑާލީ އާ ކައުންސިލުން ހަވާލުވުމަށް ފަހު ބަރާބަރަށް ބިލު ދައްކަން ފަށާފައިވާ ތަންތަނުން ކަމަށެވެ.
އަދުނާން ވިދާޅުވީ ކަރަންޓު ބިލްތަކަށް ފައިސާ ނުދެއްކި އޮތީ ކޯވިޑް-19 އާއި ގުޅިގެން ކައުންސިލްގެ ބަޖެޓްގެ ބައެއް ސަރުކާރުން ހިފެހެއްޓުމުން ކަމަށެވެ. އަދުނާން ވިދާޅުވީ ބިލްތަކަށް ދައްކަން ޖެހޭ ފަައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގައި ތަކުރާރުކޮށް އެދިފަވާނެ ކަމަށާއި ބިލްތަކުގެ މައްސަލައިގަ ފެނަކަ އާއި ފިނޭންސްއާ އެކުވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ރަށު ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލުމާ އެކު އެތަނުގެ ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް