ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުމާއި އަޑު، މިހާރަށްވުރެ ގަދަވާންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިމަހުގެ ފަހުކޮޅު ސުވިޓްޒަލޭންޑްގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް26" ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން އެމިނިސްޓްރީ އާއި ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފް ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި "ޕްރީ-ކޮޕް26 ބަޒް އިވެންޓް" ޕެނަލް ޑިސްކަޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ނެވެ.
ކްލައިމެޓް އެކްޝަން ޑައިލޮގްތަކުގައި ޒުވާން ކުދިންނާއި، ޒުވާނުން މިހާރަށްވުރެ ބޮޑަށް ބައިވެރިކޮށް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރއާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަކީ މި ޕެނަލް ޑިސްކަޝަންގެ މަޤްޞަދެކެވެ.
މި ޕެނަލް ޑިސްކަޝަން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަމަރަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި މިކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރުކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މޫސުމީ ބަދަލުތަކާއި ދެކޮޅަށާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގައި ބޮޑެތިވަމުން އަންނަ ކުދިންނާއި ޒުވާނުންގެ ދަޢުރު ވަރަށް މުހިއްމު." މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ތަފާތު މައްސަލަތަކުގައި ޒުވާނުންގެ އަޑަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށާ، އެއަޑު ޤައުމުތަކުގެ ލީޑަރުންނާއި، ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް މިހާރަށްވުރެ ބާރަށް އިއްވަންޖެހޭ ކަމަށެވެ.
"ޒުވާނުންގެ އަޑަކީ މިކަމުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރު. ޒުވާނުން އެބަ އަޑުއުފުލަންޖެހޭ." މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
ޝައުނާގެ ވާހަކަފުޅުގައި ތިމާވެށީގެ އެކިއެކި މައްސަލަތަކުން އަރައިގަތުމުގައި ސަރުކާރުން ޒުވާނުންގެ އަޑު އަހާނެކަމަށާއި، އެމީހުންގެ ޚިޔާލާ ބައިވެރިވުން އެކަންކަމުގައި ހޯދާނެކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް