ހދ. އަތޮޅޫގައި އޮންނަ ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީ މަސައްކަތް ފެށުމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2ގެ މަސައްކަތްތައް ފެށުމަށްޓަކާ ސައިޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޕްރީކާސްޓް ކުރުމުގެ މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
މި މަސައްކަތް އާރުޑީސާއާއި ހަވާލު ކުރީ 510 ދުވަސް ތެރޭގައި ނިންމާ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި މަސައްކަތުގެ އަގެއްގެ ގޮތުން 100.7 މިލިއަން ރުފިޔާ ކަނޑައަލާފައި ވެއެވެ.
އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޫސާ އަލި މަނިކުއާއި ޗީފް ފައިނޭންޝަލް އޮފިސަރ، ޔާސިރު ހަސަން އެވެ. ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އެމަޝްރޫޢު ހުއްޓިފައި އޮންނަތާ ގިނަދުވަސްތަކެއް ފަހުން، 2013 ވަނަ އަހަރު އެ މަސައްކަތް ފެށިއެވެ. އެ މަސައްކަތް އޭރު ކުރިއަށް ގެންދިޔައީ އެމްއާރްޑީސީއާ ހަވާލުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް