މިދެތިން ދުވަހު ގުޑުގުޑާ ދޫންޏެއް ނުފެންނަ ތަނެއް ދެކުނިންތަ؟!

މިއަހަރުގެ މޫސުމީ ބަދަލާއި ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ އާ ވައްތަރުގެ ދޫނިތަކުގެ ތެރެއިން އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ގުޑުގުޑާ ދޫނި (ގްރޭޓާ ފްލެމިންގޯ) އަށެވެ. ރާއްޖެ ނޫޅޭ ރީތި މި ދޫނި ފެން...

20 Oct 2021 | 07:57

މިއަހަރުގެ މޫސުމީ ބަދަލާއި ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ އާ ވައްތަރުގެ ދޫނިތަކުގެ ތެރެއިން އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ގުޑުގުޑާ ދޫނި (ގްރޭޓާ ފްލެމިންގޯ) އަށެވެ.

ރާއްޖެ ނޫޅޭ ރީތި މި ދޫނި ފެންނަމުން ދަނީ ގިނައިން އުތުރުގެ ރަށްތަކުންނެވެ. ބައެއް ރަށްރަށުގެ ކުޅިއާއި ގޮނޑޮށުން ގުޑުގުޑާ ދޫނި ބައިގަނޑުތައް ދަނީ ފެންނަމުންނެވެ.

ރާއްޖެއަށް އާ މި ދޫނީގެ ވާހަކަ މާގިނައިން ދައްކާ ގުޑުގުޑާ ދޫނި ނޫން އެއްޗެއް އެއްވެސް ތާކުން ނުފެންނަން ފެށީ ބައެއް ރަށްރަށުގައި އެ ދޫނިތައް ހިފައި ހައްޔަރުކޮށްގެން ވިޔަފާރި ކުރަން އުޅެން ފެށުމުންނެވެ. އެންމެ ދޫންޏެއް ވިއްކަން 6،000 ރުފިޔާއަށް ޖަހާފައިވާތަން ފެނުމުން ގިނަބައެއްގެ ސަމާލުކަން އެއަށް ލިބެން ފެށި އެވެ.

ގުޑޫގުޑާ ދޫނީގެ ވިޔަފާޜި ފެށުނީ އެންވަޔަރަމްނެޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހިޖުރަ ކުރާ ދޫނި ހިފައި ވިއްކުން މަނާކަމެއްކަން ހަނދާން ކޮށްދީފަ ވަނިކޮށެވެ. އެހެންވެ އެ ވިޔަފާރި ކުރާ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

އެއާއެކު ދެން ފެންނަން ފެށީ މުޅި ސޯޝަލް މީޑިއާއިން ގުޑުގުޑާ ދޫންޏެވެ. ސިނަމާލޭ ބްރިޖުމަތީގައިވެސް ގުޑުގުޑާ ދޫންޏެވެ. ކުރިން މީހުން ޗުއްޓީ ތަކަށް ގޮސް ނަގާފައިވާ ފޮޓޯތައް މިހާރު އަލުން ޕޯސްޓު ކުރާއިރު ގުޑުގުޑާ ދޫންޏެއް ނީނދެއެއް ނުދެ އެވެ. ގޮނޑުދޮށުގައި އިށީނދެލައިގެން މީހަކު ފޮޓޯއެއް ނަގައި އާންމު ކުރާއިރު ކައިރީގައިވެސް ގުޑުގުޑާ ދޫންޏެއް އިނދެ އެވެ.

ގުޑުގުޑާ ދޫނި ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހަމަ އެންމެންހެން ދަނީ މަޖާ ނަގަމުންނެވެ. ކުޅިއަކަށް ގޮސްފި މީހަކު އެތަނުގައި ގުޑުގުޑާ ދޫންޏެއް ނެތް ވާހަކަވެސް ފާހަގަ ކުރެ އެވެ. އަދި އެ ދޫނީގެ އިހުސާސްތައް ކަމަށް ބުނެ ހިއްސާ ކޮށްފައިވާ ފޮޓޯއެއްގައި ބުނެފައިވަނީ "ރާއްޖެ މިއީ އޮޅިގެންވެސް އަރަން ހެޔޮވާވަރު ތަނެއް ނޫން" ކަމަށެވެ.

މިފަދަ ކަންކަމުގައި މަޖާނެގުން ގޯހެއް ނޫނެވެ. އެކަމަކު ކުރަން ނުވާ ކަމަކީ ގާނޫނާއި ގަވައިދާ ހިލާފު ކަންކަމެވެ.

ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫނިތަކަކީ “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު”ގެ ދަށުން ހެދިފައިވާ “ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު”ގެ ދަށުން ހިމާޔަތްކުރެވިފަވާ ތަކެއްޗެކެވެ.

މިފަދަ ދޫނިތައް ހިފައި ހައްޔަރުކޮށް، އެއްވެސް ގޯނާއެއް ކުރުމަކީ ޤާނޫނީގޮތުން ކުށެކެވެ. އަދި މިގަވައިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް