"މަނިކޭ މަގޭ ހިތޭ" އާއެކު ޔޮހާނީގެ މަގުސަދު އެންމެ ފަހުން ހާސިލްވެއްޖެ

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ކިޔާފައިވާ “މަނިކޭ މަގޭ ހިތޭ” އާއި އެކު އޭނާ ލަވަޔަކިޔަން ފެށުމުގެ އެންމެ ބޮޑު މަގުސަދު ހާސިލް ކޮށްފި އެވެ. ޔޯހާނީ ކުރިން ދީފައިވާ އިންޓަ...

20 Oct 2021 | 06:39

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ކިޔާފައިވާ “މަނިކޭ މަގޭ ހިތޭ” އާއި އެކު އޭނާ ލަވަޔަކިޔަން ފެށުމުގެ އެންމެ ބޮޑު މަގުސަދު ހާސިލް ކޮށްފި އެވެ.

ޔޯހާނީ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދާއިރާގައި އެންމެ ބޭނުންވަނީ ބޮލީވުޑް ފިލްމަކަށް ލަވައެއް ކިޔުމަށް ކަމަށެވެ. އޭނާ މިހާތަނަށް ލަވަ ކިޔަމުން އައީ ސިންގަޅަ އަދި އިނގިރޭސި ބަހުންނެވެ.

ގައުމީ ފެންވަރުގައި ލަވަކިޔަމުން އައި ޔޮހާނީ މުޅި ދުނިޔެއަށް މަޝްހޫރުވީ "މަނިކޭ މަގޭ ހިތޭ" ލަވައިންނެވެ. އެ ލަވައިގެ އެކި ބަސްބަހުގެ ވާޝަންތައް މިހާރު އެކި ގައުމުތަކުގައި ނެރެމުންދާއިރު އިންޑިއާގައިވެސް 10 ވަރަކަށް ބަހުން އެ ލަވަ ކިޔައި ރިލީޒް ކޮށްފި އެވެ.

އެ މަޝްހޫރު ކަމުގެ ތެރެއިން އޭނާއަށް އިންޑިއާ ދަތުރެއް ލިބި މުމްބާއީއަށް ގޮސް ގިނަ ޝޯތަކެއްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެފައިވާއިރު ނޫސްތަކަށް އިންޓަވިއުދީފަ އެވެ. އަދި އޭނާގެ އަޑުން އެލަވަ އެތައް ޕްރޮގްރާމެއްގައި ކިޔާފައިވެ އެވެ.

އެ ދަތުރު ނިންމާލައި، މިމަހުގެ ކުރީކޮޅު އަނބުރާ ގައުމަށް ދިޔައިރުވެސް އޭނާ އެންމެ ބޭނުންވި ކަންތައް ހާސިލްވާ ގޮތެއް ނުވެ އެވެ. އެއީ ބޮލީވުޑް ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ހޯދުމެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިހާރު އެ ނަސީބު ވަނީ ޔޮހާނީ އަތުގައި ހިފާފަ އެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދެނީ ބޮލީވުޑްގެ ޑައިރެކްޓަރު އިންދަރް ކުމާރެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ މިހާޜު ޑައިރެކްޓު ކުރަމުންދާ ފިލްމު "ތޭންކް ގޯޑް" ގައި "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމަނަން ވަނީ ނިންމާފައި އެވެ. އަދި އެ ލަވަކިޔުމުގެ ފުރުސަތު ޔޮހާނީއަށް އިންދަރު ވަނީ ހުށަހަޅާފަ އެވެ.

އެ ފިލްމު އުފައްދާ ޓީ ސީރީޒްއިންވެސް ވަނީ އެކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޔޮހާނީ ބުނީ “މަނިކޭ މަގޭ ހިތޭ” ލަވަ ރެކޯޑް ކުރިއިރު މިހާބޮޑު މަޝްހޫރުކަމެއް މި ލަވައަށް ލިބިދާނެކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ޔޮހާނީ ބުނީ ލަވަ އާއި އޭނާއަށް ލިބެމުންދާ ސަޕޯޓުން ވަރަށް އުފާވާ ކަމަށެވެ.

ފިލްމު "ތޭންކް ގޯޑު" ގެ ލީޑްރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން އާއި ސިދާތް މަލޯތްރާގެ އިތުރުން ރަކުލް ޕްރީތް ސިންގް އެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް