ފްލެމިންގޯ ފަދަ ދޫނިތައް މިދުވަސް ވަރު ރާއްޖެ އަށް ދަތުރުކުރަނީ ބިސްއަޅާ ވިހެއުމަށް މަށާއި އެ އެއްޗެހީގެ ހިޖުރަކުރުމަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝިދު މި މޭރުމުން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ އެހެން އަންނަ ދޫނި ނުހިފުމަށާއި ގޯނާވެސް ނުކުރުމަށް އެދޭ ކަމަށެވެ.
"އެހެން އަންނަ ދޫންޏެއްވެސް ނުހިފުމަށާއި ގޯނާވެސް ނުކުރުމަށް. އެ ދޫންޏެއް ހިޖުރަކުރާ މަގުގައި ތިބުމަށް އަޅުގަނޑުމެން ތިބުން. އެއީ އަޅުގަނޑުމެން އެއަށް އަރައި ނުގަތުން. އޭގައި ރިހަ ކައްކަން ނޫޅުން. އޭގެ ފިޔަކޮށާފައި ގޭގައި ނުބެހެއްޓުން. ދާ ޖަހާފައި ނުހިފެހެއްޓުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޑުގުޑާ ދޫނި ހިފައި އިހާނެތިކޮށް ހިފާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އިރު، ގުޑުގުޑާ ދޫނި (ފްލެމިންގޯ) ހިފައި، ވިއްކަން އުޅޭ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެއެވެ.
ޕީއޭއިން ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ، ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ތެރެއިން، މަދުން ނޫނީ ނުފެންނަ ބާވަތެއްކަމުގައިވާ ގުޑުގުޑާދޫނި މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން މިދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން ބާރަށުގައި، ބަޔަކު ގުޑުގުޑާދޫނި ހިފައި، ވިއްކަން އުޅޭކަމުގެ މައްސަލައެއް ލިބިފައިވާ ކަމަށާއި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އީޕީއޭއިން ބުނެއެވެ.
އީޕީއޭއިން ބުނީ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ މީހުންނާއި، އަދި މިދޫނިތައް ގަނެވިއްކާ ވިޔަފާރި ކުރަމުންދާ މީހުންނާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ، ހިޖުރަކުރާ ދޫނިތައް ހިފައި ހައްޔަރުކޮށް ގޯނާކުރާ މީހުން ހުއްޓުވުމަށާއި، އަދި މިފަދަ މީހުންނަށް ފާރަވެރިވާން ޖެހޭ ކަމަށް އީޕީއޭއިން ބުނެއެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާ މީހުންގެ މައުލޫމާތު (ދޫނި ހިފައި، ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާވިއްކާ ދޫނީގެ ބާވަތާއި އަދަދު) އަދި ފޮޓޯ މި އެޖެންސީގެ ހޮޓްލައިން ނަންބަރު 7980379ށް މެސެޖުކޮށް ނުވަތަ [email protected] އަށް އީމެއިލް ކޮށްދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.
ހިޖުރަކާ ދޫނިތައް އަންނަން ފެށި އިރު، ގުޑުގުޑާދޫނި އެންމެ ފުރަތަމަ ފެނިފައިވަނީ ހއ. ފިއްލަދޫންނެވެ. ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުން ވެސް މި ދޫނި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ބާރަށް އަދި ކުޅުދުއްފުށީ ސިޓީ ވެސް ހިމެނެއެވެ. ހއ. އަދި ހދ. އަތޮޅުން ފެނިފައިވާ ގުޑުގުޑާދޫނި ވިއްކަން ޖަހާފައިވަނީ "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގައެވެ. އެނގިފައިވާ ގޮތުގައި ރާއްޖެ އައި ގުޑުގުޑާދޫނިތަކުގެ އަދަދު 10 އަށް ވުރެ ގިނަ ވާނެއެވެ. މިއީ ދުނިޔެ އިން ވެސް ވަރަށް މަދުން ފެންނަ ވައްތަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް