2021 ވަނަ ދައުލަތުން ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވެވީ ރޭގެ ވަގުތެއްގައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 37 ބިލިއަން ރުފިޔާ އެވެ. ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މައިގަނޑު މަޝްރޫޢުތަކާއި، ބަޖެޓްގެ ޢާމްދަނީއާއި ލިބޭނެކަމަށް އަންދާޒާ ކުރާ ފައިސާގެ ޢަދަދުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ބަޖެޓުގައި ހިމަނަންވާ ކަންކަމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މެމްބަރުންނާ މަޝްވަރާ ކުރައްވާފައެވެ.
އަންނަ އަހަރުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
މީގެ އިތުރުން، އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް ޢާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭނެކަމަށާއި ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވެއެވެ. ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް