ޗެމްޕިއަންސް ލީގު: ސޮލްޝެއަރ އަށް ބޮޑު އިމްތިހާނެއް، މިރޭ އެޓަލާންޓާ ބަލިކުރަން ނިކުންނަނީ ރޮނާލްޑޯގެ ޕްލޭނާއި އެކު

އެންމެ ފަހުން ލީގުގައި ލެސްޓާ ސިޓީއަތުން 2-4 ގެ ނަތީޖާއިން ވި ބައްޔާއި އެކު ޔުނައިޓެޑުގެ ފޯމު ބަރަށް ބޮޑަށް ދައްވެފައިވާކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ޔުނައިޓެޑްގެ ކ...

20 Oct 2021 | 04:58

އެންމެ ފަހުން ލީގުގައި ލެސްޓާ ސިޓީއަތުން 2-4 ގެ ނަތީޖާއިން ވި ބައްޔާއި އެކު ޔުނައިޓެޑުގެ ފޯމު ބަރަށް ބޮޑަށް ދައްވެފައިވާކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ޔުނައިޓެޑްގެ ކޯޗު އޮލިގަނަ ޗޮލްޝެއާއަށް ވެސް އޭނާގެ މަގާމު ގެއްލިދާނެ ކަމުގެ ވާހަކަތައް މީޑިއާގައި ފެންމަތުވެފައި ވާއިރު، ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިރޭ އިޓަލީގެ ވަރުގަދަ ބާރު އެޓަލާންޓާ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން މޮޅެއް ހޯދުމަކީ ޔުނައިޓެޑަށް ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

މިރޭ އެޓަލާންޓާއާއި ދެކޮޅަށް ކުޅޭ މެޗަށް ޔުނައިޓެޑް ނިކުންނަން ތައްޔާރުވަމުން އަންނައިރު، ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާއަށް އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނަމުން ގެންދިޔަ ނަމަވެސް، އޭނާގެ ވަޒީފާ މިވަގުތަށް އޮތީ ސަލާމަތުން ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ހޫނު މޫސުމުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނުގެން ނުދިޔައިރު، ފަހުން ލީގުގައި ޔުނައިޓެޑް ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެހެން ކަމުން ރޮނާލްޑޯގެ ފޯމާއި މެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދާ ފާޑުކިޔަމުންނެވެ.

އެނެމް ފަހުން ލީގުގައި ލެސްޓާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ދައް ކުޅުމާއި ގުޅިގެން ކަންވޮޑުވުންތަކެއް ހުރިނަމަވެސް މިރޭގެ މެޗާއި މެދު ޔުނައިޓެޑުގެ ކޯޗުގެ އުންމީދު ބޮޑެވެ. އެގޮތުން މިރޭ އިޓަލީގެ އެޓަލާންޓާއާއި ދެކޮޅަށް ޔުނައިޓެޑް ނިކުންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ސޮލްޝެއަރ ދެކެނީ ވޭތުވެ ދިޔަ ތިން ސީޒަނުގައި އިޓަލީ ލީގުގައި ހޭދަކުރުމަށް ފަހު އެނބުރި އައި ރޮނާލްޑޯ އަށް އެޓަލާންޓާގެ ކުޅުން ވަރަށް ބޮޑަށް ދަސްވެފައި ވުމެވެ. އެހެން ކަމުން އެޓަލާންޓާގެ ބަލިފަޔަކީ ކޮބައިކަމާއި އެޓަލާންޓާ ބަލިކުރަން ހަދަން ޖެހޭ ފަންޑިތަ ވަރަށް ރަނގަޅަށް ރޮނާލްޑޯއަށް އެނގޭނެ ކަމަށް ސޮލްޝެއަރ ދެކެއެވެ.

ރޮނާލްޑޯ ޔުވެންޓަސްއާއެކު އިޓަލީ ލީގުގައި ތިން ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ އެޓަލާންޓާއާއި ދެކޮލަށް ހަ މެޗު ކުޅެފައެވެ. އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން އެއްވަރުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އެޓަލާންޓާއާއި ދެކޮޅަށް ރޮނާލްޑޯ ކުޅުނު ހަ މެޗުގައި ރޮނާލްޑޯ ވަނީ ތިން ގޯލު ޖަހާފައެވެ.

މީގެ އިތުރުން ޔުނައިޓެޑް އާއި އެޓަލާންޓާގެ ޗެމްޕިއަންސް ލީގުގެ ރެކޯޑްސްތަކަށް ބަލާއިރު، މި ދެޓީމު މިހާތަނަށް ކުރިމަތިލާފައިވަނީ އެންމެ ދެ ފަހަރުުއެވެ. އެއީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައެވެ. ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗު ކުޅެފައިވާއިރު، ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޔުނައިޓެޑް އެޓަލާންޓާގެ މައްޗަށް 1-5 ގެ ނަތީޖާއިން ވަނީ ކުރި ހޯދާފައެވެ. ނަމަވެސް އެޓަލާންޓާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ވަނީ 1-1 އިން އެއްވަރުވެފައެވެ.

ކޮންމެ ގޮތެއް ވިޔަސް މިރޭގެ މެޗަކީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ޔުނައިޓެޑަށް މޮޅެއް ހޯދުން މުހިންމު މެޗެކެވެ. އެހެން ކަމުން ކޮންމެ ޕްލޭނެއް ހަދައިގެންވެސް މިރޭގެ މެޗު ކާމިޔާބު ކުރުން ޔުނައިޓެޑަށް މުހިންމެވެ. ޔުނައިޓެޑް މިފަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގައި މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. ޔަންގް ބޯއީސްއާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އެޓީމު ބަލިވީ1-2 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗުގައި ވިޔަރެއާލްއާއި ދެކޮޅަށް އަމިއްލަ ރަށުގައި ކުޅުނު މެޗުން އެޓީމު ވަނީ މޮޅުވެފައެވެ.1-2 ގެ ނަތީޖާއިން ބިޔަރެއާލްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދި އިރު، މިވަގުތު ޔުނައިޓެޑް އޮތީ ތިން ޕޮއިންޓާއި އެކު އެޓީމު ހިމެނޭ ގުރޫޕް އެފްގެ ތިން ވަނާގައެވެ.

ގުރޫޕުގެ އެއްވަނާގައި ހަތަރު ޕޮއިންޓާއި އެކު އޮތީ އެޓަލާންޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް