މިދިޔަ ދެތިން މަހު ދިވެހިންގެ މެދުގައިވެސް އެންމެ މަޝްހޫރު ދެކުނު ކޮރެއާގެ ޑްރާމާ ސިލްސިލާ "ހޯމްޓައުން ޗަޗަޗަ" ގެ އެކްޓަރު ކިމް ސިއޯން ހޯއަށް އަމާޒުކޮށް ކުރި ތުހުމަތުތަކަށް އެއްބަސްވެ ކުރީގެ ލޯބިވެރިޔާ ކިބައިން މައާފަށް އެދިއްޖެ އެވެ.
ޑްރާމާ "ހޯމްޓައުން ޗަޗަޗަ" ގެ ފުރަތަމަ ސީޒަން ނިންމާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ޑްރާމާ ނިންމާލުމުން ސަޕޯޓަރުން ހިތާމަ ފާޅުކުރަމުން ދިޔައިރު ކިމް އާއި ޕްރޮޑަކްޝަން ޓީމުން ދިޔައީ ސިލްސިލާއަށް މުޅި ދުނިޔެއިން ލިބުނު ކާމިޔާޞު ފާހަގަ ކުރަމުންނެވެ.
އެކަމަކު ކިމްގެ އުފާ ފާޅުކުރުންތައް ހުއްޓުވާލީ މިދިޔަ އާދިއްތަ ދުވަހު ނުދަންނަ އަންހެނަކު ސޯޝަލް މީޑިއާގައި އެ ސިލްސިލާގެ "އެކްޓާ ކޭ" އަށް އަމާޒުކޮށް ކުރި ތުހުމަތަކާއި އެކު އެވެ. އެ އަންހެން މީހާ ބުނެފައިވަނީ އޭނާ އަކީ އެކްޓާ ކޭ ނުވަތަ ކިމްގެ ކުރީގެ ލޯބިވެރިޔާ ކަމަށާއި އޭނާ ކިމްއަށް ބަނޑުބޮޑުވުމުން އެބޯޝަން ހައްދަން މަޖުބޫރި ކަމަށެވެ.
އަދި ދަރި ވައްޓާލި ހިސާބުން ކިމް އޭނާ އާއި މެދު ދެކުނު ގޮތް ބަދަލުކޮށް ދުރުވަމުން ގޮސް އެއްކޮށް ގުޅުން ކަނޑާލީ ކަމަށެވެ. މިކަމާއި ގުޅިގެން ކިމްއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޭނާގެ އެޖެންސީން ބުނީ އެ ވާހަކައިގެ ތެދު ހަގީގަތް ބަލަމުންދާ ކަމަށެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކިމްގެ ފަރާތުން ވަނީ އެ އަންހެން މީހާގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ. ކިމްގެ ބަޔާނުގައި ބުނީ އޭޭނާއަށް އަންހެން މީހާ އާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށާއި އެކަމަށް މައާފަށް އެދެން ބޭނުންވަނީ ބައްދަލުކޮށްފަ ކަމަށެވެ.
އެކަމަކު މިވަގުތު ބައްދަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ. އަދި މި ހާދިސާ އާއި ގުޅިގެން އޭނާއަށް ސަޕޯޓަރުން ކުރަމުން އައި އިތުބާރަށް ފަނޑުކަމެއް ނުގެނެސް ކުރިންވެސް ދެމުން ދިޔަ ލޯބި ދިނުމަށް އާދޭހާއި އެކު އެދިފަ އެވެ.
މީގެ އިތުރުން ކިމް ވަނީ އޭނާ އާއި އެކު މަސައްކަތް ކޮށްފައިވާ ސްޓާރުންގެ ކެރިއަރަށް އެ ވާހަކަތަކާއި ގުޅިގެން އަސަރު ކުރި ނަމަ އެކަމަށްވެސް މައާފަށް އެދިފަ އެވެ.
ކިމް ސިއޯން ހޯއަކީ މިހާރު ދެކުނު ކޮރެޔާގެ ޗާޓުތަކުގައި އެއްވަނައިގައި ހިމެނޭ އެކްޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް