ޕާސިސްތާނުގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް ވަގަށް ވަންނަން މަސައްކަތް ކުރި އިންޑިއާގެ އަސްކަރީ ސަބްމެރިންއެއް ހުއްޓުވާފައިވާ ކަމަށް ޕާކިސްތާނު އަސްކަރިއްޔާއިން ބުނެފި އެވެ.
ޕާކިސްތާނު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ސަބްމެރިން އެ ގައުމަށް ވަންނަމުންދާކަން ދެނެގަނެވުނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެ. އަދި ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުރަސް އަޅާފައިވާނެ ކަމަށް ބުނެ އެވެ.
އެކަމުގައި ދެން އަމަލު ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. އަދި އިއްޔެ ނެރުނު އެ ބަޔާނަށް މިހާތަނަށް އިންޑިއާ ސަރުކާރުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ޕާކިސްތާނުން ދައްކަނީ ތެދު ވާހަކަތަކެއްކަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އެމީހުން ވަނީ ފޮޓޯތަކެއްވެސް އާންމުކޮށްފަ އެވެ.
އިންޑިއާ ސަބްމެރިންއެއް ބްލޮކް ކުރި ކަމަށް ޕާކިސްތާނުން ބުނެފައި މިވަނީ ޖަންމޫ ކަޝްމީރުގެ މަޝްރަހު ހޫނުވަމުންދާ ދަނޑިވަޅެއްގައި އެވެ. މިދިޔަ ހަފްތާގައި ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ދެގައުމުންވެސް މީހުން މަރުވެފައިވެ އެވެ.
މި މަހުގެ 16 ވަނަ ދުވަހު ހުއްޓުވި އެ އަސްކަރީ ސަބްމެރިންނަކީ 2016 ވަނަ އަހަރުގެ ފަހުން ޕާކިސްތާނަށް ވަންނަން އުޅެނިކޮށް ހުއްޓުވި ތިން ވަނަ ސަބްމެރިންނެވެ.
އެ އަހަރުގެ ފަހުން 2019 ވަނަ އަހަރުވެސް ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަންނަން އުޅުނު އިންޑިއާ އަސްކަރީ ސަބްމެރިންއެއް ހުއްޓުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް