ޗެމްޕިއަންސް ލީގު: ވިނީސިއަސްގެ ދެ ގޯލާއި އެކު ރެއާލް މެޑްރިޑަށް ބޮޑު މޮޅެއް

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ޝަޚްތަރ އާއި ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ޝަޚްތަރ އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ ...

20 Oct 2021 | 03:18

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ޝަޚްތަރ އާއި ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ޝަޚްތަރ އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޝަޚްތާރުގެ ސާޖީ ކްރިސްޓޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލުން ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ރެއާލުގެ ދެވަނަ ލަނޑު ޖަހައިދީ  ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ވިނީޝިއުސް ވަނީ ރެއާލުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކަރީމް ބެންޒެމާއެވެ.

ރޭގެ މި މެޗުން ރެއާލް މޮޅުވިއިރު، މި ގްރޫޕްގައި ހިމެނޭ އިންޓަ މިލާނުން ވަނީ ރޭ ޝެރިފްއާއި ދެކޮޅަށް ކުޅެ 3-1 ނަތީޖާއަކުން މޮޅުވެފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް ޝެރިފާއި ދެވަނައިގައި އޮތް ރެއާލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިންޓައަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި އެންމެ ޕޮއިންޓަކާއި އެކު މި ގުރޫޕިގެ ފުލުގައި އޮތީ ޝަޚްތަރ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް