ޗެމްޕިއަންސް ލީގު: ބްރޫޖް އަތުން ސިޓީއަށް ބޮޑު މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުލަބް ބްރޫޖް އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ. ސިޓީ މޮޅުވީ ރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ. ...

20 Oct 2021 | 02:40

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުލަބް ބްރޫޖް އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ.

ސިޓީ މޮޅުވީ ރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ 30 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ސިޓީއަށް މެޗުގެ ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޯ ކަންސޭލޯ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރިޔާދު މާރޭޒް ވަނީ ސިޓީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ.

ދެ ކަނޑުގެ ލީޑަކާއި އެކު މެޗުފެ ފުރަތަމަ ހާފު ސިޓީން ނިންމާލިއިރު، އެޓީމުން މި މެޗުގައި ކާމިޔާބު ކުރި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ސިޓީގެ  ކައިލް ވޯކާ ޖަހައިދިންއިރު، މެޗުގެ 67 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ.

މި މެޗުގައި ބްރޫޖުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހާންސް ވަނެކެންއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި މާރޭޒް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްފައިވާ ޕީއެސްޖީއެވެ. ދެވަނައިގައި އޮތް ސިޓީއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބްރޫޖަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ލައިޕްޒީގަށް މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް