ޗެމްޕިއަންސް ލީގު: މެސީގެ ދެ ގޯލުން މޮޅުވެ ޕީއެސްޖީ ގުރޫޕުގެ އެއްވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގެރޭ އާރްވީ ލީޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ޕީއެސްޖީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒީގް އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖ...

20 Oct 2021 | 02:25

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގެރޭ އާރްވީ ލީޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒީގް އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީން ރޭގެ މެޗު ފެށީ އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނާއި ނުލައެވެ. އެގޮތުން ރޭގެ މެޗުގައި ނޭމާ އާއި މައުރީ އިކާޑީގެ އިތުރުން ޕަރޭޑޭސް އަދި ރާމޯސްއާއި ނުލައެވެ. މުހިންމު ކުޅުންތެރިންތަކަކާއި ނުލާ ރޭގެ މެޗު ޕީއެސްޖީން ކުޅުނު ނަމަވެސް އެޓީމުން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ޕީއެސްޖީންނެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖޫލިއަން ޑްރެކްސްލާ ދިން ޕާހަކުންނެވެ. އެކަމަކު އޭގެ ފަހުން ލީޕްޒީގުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާއެވެ.

ދެ ޓީމުން ވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެންޖެލީނޯ ނަގައިދިން ހުރަހަކުން ނޯޑީ މުކިއޭލޭ ލަނޑެއް ޖަހައި، ލީޕްޒީގަށް މެޗުގެ ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެސީ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ނަގައިދީފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ޕީއެސްޖީގެ އެމްބާޕޭއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައިވެސް ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެމްބާޕޭ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ރޭގެ މި މޮޅާއި އެކު ޕީއެސްޖީ މިވަގުތު އޮތީ އެޓީމު ހިމެނޭ ގުރޫޕް އޭގެ އެއްވަނާގައި ހަތް ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ ދެވަނާގައި އޮތީ ހަ ޕޮއިންޓާއި އެކު ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް