ސިލްސިލާ ވާހަކަ: ޒާރާ - ސާޅީސްވަނަބައި

ޒައިދު ބޮޑުވަމުން އައިވަރަކަށް ނާޒިމާގެ އަސްލު ސޫރަ ފާޅުވަމުންދިއެވެ. ފާޅުގައި ޒައިދާއި ޒާރާ ހުރިހާ ގޮތަކުން ތަފާތުކުރަން ފެށިއެވެ. ޒާރާއަށް ދިން ލޯތްބާ އޯގާތެރިކަން ވަގުފުވެގެން ދިޔައީ ޒައިދަށެވެ. ޒާ...

20 Oct 2020 | 00:37

ޒައިދު ބޮޑުވަމުން އައިވަރަކަށް ނާޒިމާގެ އަސްލު ސޫރަ ފާޅުވަމުންދިއެވެ. ފާޅުގައި ޒައިދާއި ޒާރާ ހުރިހާ ގޮތަކުން ތަފާތުކުރަން ފެށިއެވެ. ޒާރާއަށް ދިން ލޯތްބާ އޯގާތެރިކަން ވަގުފުވެގެން ދިޔައީ ޒައިދަށެވެ. ޒާރާ ރޮއްވުމަކީ ނާޒިމާގެ ހިތަށް އުފާވެރިކަން ލިބޭކަމެއް ކަހަލައެވެ. ހާމިދަށް ކެތް ނުވާ ހިސާބަށް ނާޒިމާގެ ކަންތައް ދިއުމުން ހާމިދު ނާޒިމާއާ ވާހަކަދެއްކިއެވެ. ނަސޭހަތްދިނެވެ. ވިސްނާދިނެވެ. އެހެންނަމަވެސް ވީކަމެއް ނެތެވެ. ހާމިދު ދެއްކި ވާހަކަތަކަށް ނާޒިމާ ދިނީ ބީރުކަންފަތެކެވެ. ވިސްނާދިން އެއްޗެއް ނާޒިމާގެ ސިނކުޑިއަކަށް ނުވަނެވެ. އެތައް ހާސް ފަހަރަކު ދިން ނަސޭހަތްތައްވީ ބޭކާރެވެ. އެންމެފަހުން ހާމިދު ނާޒިމާގެ ގޮތުގައި ނާޒިމާ ބެހެއްޓުމަށް ނިންމިއެވެ. ނާޒިމާ ދޫކޮށްލަން ކިތަންމެ ފަހަރަކު ހިތަށްއެރިވެސް މެއެވެ. އެހެންނަމަވެސް އޭރުން ޒައިދަށް ލިބޭނެ ނިކަމެތިކަމެވެ. އެކަންވެސް ކުރެވޭކަށް ނެތެވެ. ފޮރުވިފައިވާ ހަޤީގަތް ހާމަވާން ނޭދޭތީ ކެތްތެރިކަމާއެކު ނާޒިމާއާއެކު ކުރިއަށް ދިއުމަށް ހާމިދު ނިންމިއެވެ.  ދަރިން ބޮޑެތިވަންދެން ކެތްތެރިކަމާއެކު ކުރިއަށްދިއުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ދަރިންނަށް ޓަކައެވެ. ދަރިންގެ ހައްގުގައެވެ.

ހާމިދުގެ ހަޔާތުން މާޒީވެދިޔަ ސަފުހާތައް އަޑުއަހަން އިން ޒާރާގެ ލޮލުން ފައިބަމުންދާ ކަރުނަ ފުހެލުމަށްފަހު އޭނާގެ ލޯބިވާ ބައްޕަގެ އަތުގައި ހިފާލިއެވެ. އެބައްޕަގެ ލޮލުންވެސް ވަނީ ކަރުނަ ހިލިފައެވެ. ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ޒާރާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

''ބައްޕާ ....... ޒާރާއަށް މާފުކޮށްދީ.... ބައްޕައާ ދޭތެރޭގަ.......'' ޒާރާގެ ވާހަކަ ފުރިމަ އެއް ނުކުރެވުނެވެ. ކޮށްފައިވާ އަސަރެއްގެ ސަބަބުން ގިސްލާ ރޯން ފެށިއެވެ. ޒާރާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ  ޒާރާ ރޮނީއެވެ. ހާމިދަށް މަޖުބޫރުވީ އެވަގުތުވެސް ހިތްވަރު އާކުރާށެވެ. އޭނާގެ އަމިއްލަ ޖަޒުބާތާއި އިހްސާސްތަކުގެ މައްޗަށް ބާރުހިންގާށެވެ. ޒާރާގެ ކުރިމަތީގައި ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާލާކަށް ހާމިދު ބޭނުމެއް ނޫނެވެ. އިތުރަށް ޒާރާ ހިތުގައި ޖެހޭނެތީއެވެ.

''ދެން ހުއްޓާލާ ދަރިފުޅާ..... މި ބައްޕަގެ ހުރިހާވެސް އުފަލަކީ ބައްޕަގެ ދެދަރިން..... ބައްޕަގެ ހަމައެކަނި އެދުމަކީ ދަރިފުޅުމެން އުފަލުގަ ތިބުން..... އެނޫން އެއްވެސް އެދުމެއް މި ބައްޕަގެ ނެތް........ ''  ޒާރާގެ ލޮލުން ތިރިއަށް ސޮހިގެންދިޔަ ކަރުނަ ތިކި ހާމިދު ފޮހެލައިދިނީ ނުހަނު ލޯބިންނެވެ. އެންމެ ތުއްތު އިރެކޭ މިއަދެކޭވެސް އެ ބައްޕަގެ ލޯބީގައި ތަފާތެއް ނެތެވެ. މައިން ބަފައިންގެ ލޯތްބަކީ އޭގައި މިނެއްނެތް ލޯތެބެކެވެ. އެއްވެސް ބަދަލެއް ނެތި ލިބޭ ލޯތްބަކީ މައިން ބަފައިން އެމީހުންގެ ދަރިންނަށް ދޭ ލޯތްބެވެ.

ޒާރާއަށް އޭނަގެ ބައްޕަގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ކަރުނައިގެ ތެރެއިން ބައްޕަގެ މޫނަށް ޒާރާ ބަލަން ހުރިއިރު، އެ ބައްޕައަށްޓަކައި، އެ ހިތުގައި އުތުރި އަރަމުންދިޔައީ ލޯތްބާކުލުނުގެ ޖަޒުބާތުތަކެކެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ބައްޕަ އަކީ ކިހާ މާތް އިންސާނެއް ހެއްޔެވެ. މިޒަމާނުގައި އެފަދަ ބައްޕައެއް ލިބޭނީ މަދު ބަޔަކަށެވެ. އެބައްޕަގެ އެންމެ ޒުވާން ދުވަސްވަރު އަމިއްލަ އުފާތައް އެއްފަރާތް ކޮށްލިއެވެ. ދަރިފުޅަށްޓަކައެވެ. އެ ބައްޕަގެ ޒުވާން އުމުރުގައި ދަރިންނަށްޓަކައި ވީ ގުރުބާނީގެ އަގު އަދާކުރެވިދާނެހެއްޔެވެ. ހާއްސަކޮށް ޒާރާގެ ހައްގުގައި އެބައްޕަ އުފުލި ވޭނާ ތަކުލީފުތަކެވެ. ދޮންމަންމަގެ އަޅުވެތިކަމުގައި މުޅި އުމުރު ހޭދަކޮށްލީ ވޭނާ ހިތްދަތި ކަމުގައެވެ. ހަމައެކަނި ދަރިންނަށް ޓަކައެވެ. އެއްވެސް ޝަކުވާއެއް ނުކޮށެވެ. އުފާވެރިކަން ނޫނީ އެ މޫނުން ދަރިންނަކަށް ނުދައްކައެވެ. އެތެރެއިން ރޮމުން ގިސްލަމުން، ހިތްކުދިކުދި ވެފައިވާ ހާލުގައިވެސް މެއެވެ.

''ކޮބާ ބައްޕަ ކެއީތަ......'' ކޮޓަރިއަށް ވަދެގެން އައި ޒައިދު ފެނުމުން ހާމިދުގެ އިތުރުން ޒާރާއަށް ވެސް ސިހުން ލިބުނެވެ. އަވަސް އަވަހާ ދެލޯ ފޮހެލިއެވެ. ޒައިދަށް ނުފެންނާނެހެން ދުރަށް އެނބުރިލަމުންނެވެ. ޒާރާ ރޮނީކަން ޒައިދަށް އެނގެން ބޭނުން ނުވާތީއެވެ. އިތުރު ސުވާލުތަކާ ކުރިމަތި ލާން ޖެހޭނެކަން ޒާރާއަށް އެނގެއެވެ.

ޒާރާއަށް ބަލާލެވުނީ ފާރުގައި ހުރި ގަޑިއަށެވެ. އަދި އޮފީސް ނިމޭގަޑިވެސް ނުޖެހެއެވެ.

''ހާދަ އަވަހަށް މިއަދު ތިއައީ......ކާންހަދާދެންތަ.......'' ޒާރާ އެނދުން ތެދުވިއެވެ. ޒާރާ ބޭނުންވީ ޒައިދަށް އޭނާގެ ރަތްވެފައިވާ ދެލޯ ފެނުމުގެ ކުރިން އެތަނުން ނިކުންނާށެވެ.

''ނޫނޭ ދޮންތާ...... މި އައީ ފޯނުނިވިގެން  ޗާޖަރުބަލާ.......އާދެވުނީމަ .........ބައްޕަ ދެކިލާފަ ދާންވެގެން މި ވަދެލީ.........'' އޭނާގެ ބައްޕަ ޒާރާ ގާތުގައި ދެއްކި ގިނަ ވާހަކަ ޒައިދަށް އަޑުއިވުނު ކަމުގައި ވިޔަސް އެކަން އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. ޒައިދުގެ ކޮޓަރިއަށް ދެވެނީ ބައްޕަގެ ކޮޓަރި ހުރަސްކޮށްފައި ކަމަށްވާތީ ޒާރާ ގާތުގައި ހާމިދު އެއްޗެކޭ ކިޔާއަޑުއިވޭތީ މަޑުކޮށްލެވުނީއެވެ. ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް ދެއްކި ވާހަކަތަކަށް ޝައުގުވެރި ވެވުނުލެއްބޮޑުކަމުން އަޑުއަހަން ހުރެވުނީއެވެ.

''ދަނީ ދޮންތާ......  ކާނީ ފަހުން.....'' ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ޒައިދު ބުނެލިއެވެ. ޒައިދުގެ މޫނުމަތިން އެއްވެސް އާދަޔާ ޚިލާފުކަމެއް ފެންނަން ނެތުމުން ޒާރާއެކޭ އެއްފަދައިން ހާމިދަށްވެސް ހަމަޖެމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

ދުވަސްތައް މާޒީއާ އެކުވަމުންގޮސް ޒާރާއާއި އިމްރާނުގެ ކައިވެންޏަށް ދެއަހަރު ފުރޭ އުފާވެރި ރެއަށް އިރުއޮއްސުމާ ގާތްވެއްޖެއެވެ. އެރެއަށްޓަކައި ތައްޔާރު ކުރެވުނު ހާއްސަ ޕާޓީގެ ތައްޔާރީތައް އޭރުވެސް ދަނީ ކުރިއަށެވެ. ޒުވާން ފިރިހެންކުދިންގެ ތެރެއިން ދެތިން ކުއްޖަކުވެގެން ގޭތެރެއާ ގޯތިތެރެ ކުލަކުލައިގެ ބޮކިން ދިއްލާލުމުގެ މަސައްކަތް  ކުރަމުންދެއެވެ. އެކަމަށް ގޮތްކިޔާ ފާޑުކިޔަން މޭސްތިރިއެއްގެ ގޮތުގައި އިސްކޮށް އުޅޭތީ ފެންނަނީ ޒައިދެވެ.  އިމްރާން އާއި އަލިބެގެ ދެބަފައިން އަވަދިނެތި އުޅެމުންދިޔައީ ގޯތިތެރެއާއި ގޭތެރޭގައި ފުއްޕާހަން އެލުވުމުގެ މަސައްކަތް އިރުއޮއްސުމުގެ ކުރިން ނިންމާލެވޭތޯއެވެ. އަވައްޓެރި ހައެއްކަ އަންހެނުން ކެއްކުމުގެ މަސައްކަތްތައް ނިންމަން އެހާ ފޯރީގައި ބަދިގެފަރާތުގައި އުޅެއެވެ.

ޒާރާ ތައްޔާރުވެ ނިމިގެން މޫނުބަލާ ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. މަޑު ނޫކުލައިގެ މެކްސީއަކާއެކު އެކު އަޅާފައިވަނީ ގަދަ ނޫކުލައިގެ ޝޯލް އެކެވެ. ޒާރާގެ ދޮން މޫނާ ނުހަނު ގުޅޭ ކުލައެކެވެ. ލަމުން އައި ކުރުތާ ހެދުން، މެކްސީ ހެދުމަށް ބަދަލުކުރިތާ އަދި މިވީ ކުޑަދުވަސްކޮޅެކެވެ. މީހަކު ބުނެގެނެއް ނޫނެވެ. އޭނާ ބޭނުންވެގެންނެވެ. ޒާރާއަށް އެގޮތް ރީތި ވީމައެވެ. އެކަހަލަ ކަންތައްތަކާ އިމްރާން އެއްގޮތަކަށްވެސް ފާދުކިޔާ ނުހަދައެވެ. ޒާރާ ރުހޭ، ޒާރާ ބޭނުންވާ ގޮތަކަށް އިމްރާން އަބަދުވެސް މަރުހަބާ ކިޔައެވެ.

''ދެން މިހާރު ރީއްޗޭ...... މަގޭ ލޯބި ލޯބި ޒާރާ......'' ފަހަތުން އައިސް ޒާރާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ކުރިއަށް ޖެހިލާ ޒާރާގެ މޫނަށް އިމްރާން ބަލާލިއެވެ. ގަދަނޫކުލައިގެ ޖިންސާއި ހުދު ގަމީހުގައި އިމްރާން ފެންނަލެއް އެހާ ފުރިހަމައެވެ. ހެޔޮވަރުވަރަކަށް ކޮށާލާފައިވާ ތުނބުޅިން އެ މޫނުގެ ރީތިކަން އިތުރުކޮސްދެއެވެ. ފަން އިސްތަށިގަނޑުން ބައެއް، ނިތްކުރިމައްޗައް އެޅިފައިވާއިރު ފެންނަ ކޮންމެ އަންހެންކުއްޖަކު އެ މޫނުގެ ޖާދޫގައި ޖެހޭނެކަން ގައިމެވެ.

''ހާދަވަރަކަށް ތި ބަލަނީ........'' އިމްރާން ޒާރާގެ ކޮލުގައި އިނގިލިން ކޮއްޓާލިއެވެ. ޒާރާ ލަދުން އިސްޖަހާލިއެވެ. ލަދުވެތިކަމަކީ އަންހެނުންގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށް އިމްރާން ގަބޫލުކުރެއެވެ. އޭނާއަށް ޒާރާގެ އެ ސިފަ ވަރަށް ކަމުދެއެވެ. ޒާރާގެ ތުނިތުނި ހަށިގަނޑު ގަޔާލާ ފިއްތާލަމުން ޒާރާގެ ނިތްކުރީގައި އިމްރާން ތުންފައް ޖައްސާލިއެވެ. ބަދަލުގައި ޒާރާ އިމްރާންއަށް ހަދިޔާ ކޮށްލީ ލަދުވެތި ހިނިތުންވުމެކެވެ. އެ ހިނިތުން ވުމުގައި އެކުލެވުގެންވަނީ ލޯތްބާ ކުލުނެވެ.

''ހިނގާ ..... މިހާރު މަންމަ ހުންނާނެ ލަސްވެފަ......'' ޒާރާގެ އަތުގައި ހިފައިގެން އިމްރާން ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. އެހެންނަމަވެސް ޒާރާ ހުއްޓުނެވެ.  ކޮންމެވެސް އެއްޗެއް ހަނދާންވެގެން ހުއްޓޭފަދަ ގޮތަކަށެވެ. ފަހަތަށް އެނބުރި އޭނާ ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. އަލަމާރީގެ ވަތްގަނޑު ހުޅުވާލުމަށްފަހު ހުދުކުލައިގެ ސިޓީ އުރައެއް ޒާރާ ނެގިއެވެ. އިމްރާންގެ ހިތުގައި ސުވާލު އުފެދުނީ މަޑުމަޑުން ޒާރާ އެ ސިޓީއުރަ ހިފައިގެންގޮސް އެނދުގައި އިށީނުމުންނެވެ. އެނދުގައި އިށީނުމަށްފަހު އިމްރާނާ ދިމާއަށް އެ ސިޓީއުރަ ދިއްކޮށްލިއެވެ. ހައިރާންކަން އެކުލެވިފައިވާ ނަޒަރަކުން ޒާރާގެ މޫނަށް އިމްރާން ބަލާލިއެވެ.

''ތިޔޯ....... '' އިމްރާން ޒާރާ ގާތަށް ޖެހިލިއެވެ. ޒާރާ ކުރިއަށްވުރެވެސް ބޮޑަށް އަތްދިއްކޮށްލީ ސިޓީއުރަ އިމްރާނުގެ އަތަށް ފޯރުކޮށްލުމުގެ މަގުސަދުގައެވެ. އިމްރާންގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ޒާރާގެ އެ ހަރަކާތުން ނުވިއެވެ. މަޑުމަޑުން ސިޓީއުރައިގައި ހިފިއެވެ. ސިޓީއުރަ ކަނޑާލުމަށްފަހު އެތެރެ ބަލާލިއެވެ. އެތެރޭގައި އޮތީ ފަތްޖަހާފައިވާ ކަރުދާހެކެވެ. ސުވާލުގެ ބެލުމަކުން އިމްރާނަށް އަނެއްކާވެސް ބަލާލެވުނީ ޒާރާގެ މޫނަށެވެ. މަޑުމަޑުން ކަރުދާސްގަނޑު ނަގާ ހުޅުވާލިއެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް