މީހުން މެރުމަށާއި އަނިޔާވެރި ކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މީހުން މެރުމާއި އަނިޔާވެރި ކަންކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
https://twitter.com/MohamedNasheed/status/1185947748312334338?s=20
ރައީސް ނަޝީދު މިފަދައިން ގޮވާލައްވާފައިވާއިރު ފުލުހުންވެސް ވަނީ އެމްޑީއެން ރިޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާ ކަމަށް ބުނެފައެވެ. ފުލުހުން ބުނީ އެ ރިޕޯޓުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފައި، ފިތުނަ ފަސާދައާ ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކާ ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ފުލުހުން ބުނީ އާއްމު ތަންތަނުގައި މީހުންގެ ފުރާނައާ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާއްމު ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީހުން މެރުމަށާއި އަނިޔާވެރި ކަންކަން ކުރުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ބައެއް ފަރާތްތަކުން ކުރަމުން އަންނައިރު އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް