މަހާޒާއި ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައި ފާތިމަތު ދިޔާނާއާ މަހާޒު އަލީ ޒާހިރުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި...

20 Oct 2019 | 09:11

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައި ފާތިމަތު ދިޔާނާއާ މަހާޒު އަލީ ޒާހިރުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި ދެ ބޭފުޅުންގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދިޔާނާއަކީ ކުރީގެ ބަންޑާރަ ނައިބުގެ މަގާމު އަދާ ކުރައްވާފައިވާ ކަނބަލެކެވެ. އޭނާއަކީ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު އަނބިކަނބަލުންވެސް މެއެވެ. މަހާޒަކީ ޑްރަގް ކޯޓުގެ ގާޒީއެވެ.

ދިޔާނާއާ މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއު ކުރެއްވުމަށްފަހު ރައީސަށް ހުށަހެޅުއްވި ދެ ނަމެވެ. މި ދެބޭފުޅުންގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީ ހައިކޯޓު ފަނޑިޔާރުންނެވެ. މީގެއިތުރުން ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެ މަގާމުގައި މީގެކުރިން ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ދާދިފަހުން ވަކި ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް