ފަސް އަހަރު ތެރޭގައި ރާއްޖެއަށް 21 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވޭ

ފަސް އަހަރު ތެރޭގައި ރާއްޖެއަށް 21 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ. ކަސްޓަމްސް އިން މިއަދު އާންމުކުރި ޗާޓަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުން ފެށި...

20 Oct 2019 | 08:40

ފަސް އަހަރު ތެރޭގައި ރާއްޖެއަށް 21 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ޗާޓަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 21 ގައުމަކުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައެވެ. އެއީ ކަނޑުމަގުންނާއި، ވައިގެ މަގުން އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތަކެވެ.

އެ ޗާޓުން ދައްކާގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ އޭޝިއާގެ ގައުމުތަކުންނެވެ.  އޭޝިއާގެ 11 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވާއިރު، އެގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ތައިލެންޑް، އީރާން، ގަތަރު، ޔޫއޭއީ، ކަޒަކިސްތާން އަދި އުޒްބެކިސްތާން ހިމެނެ އެވެ.

އެފްރިކާ ބައްރުން އިތިއޯޕިއާ، ބެނިން އަދި ޓޯގޯ އިން ވަނީ މަސްތުވާތަކެތި އެތެރެކޮށްފައެވެ.

ޔޫރަޕްގެ ފަސް ގައުމަކުން ވެސް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައެވެ. ކަސްޓަމްސް އިން އާންމުކުރި ޗާޓުން ދައްކާގޮތުގައި އެގައުމުތަކަކީ ނެދަލޭންޑްސް، ސްޕެއިން، ޖަރމަނީ، އިނގިރޭސިވިލާތް އަދި ބެލްޖިއަމް އެވެ.

މީގެ އިތުރުން، ބްރެޒިލް އާއި ޓްރިޑާޑް އެންޑް ޓޮބޭގޯއިން ވެސް ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ.

https://twitter.com/CustomsMv/status/1185782260999417857

މަސްތުވާތަކެއްޗާއިއެކު ފަހަކަށް އައިސް ރާއްޖޭގައި އުޅޭ ބިދޭސީން ހައްޔަރުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ރާއްޖޭގައި ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ވަރަށް ގިނަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް