އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ނިމެންދެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
އުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެމްޑީއެންގައި މަސައްކަތް ކުރައްވާފައި މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުންނަށް ސީޕީ ހަމީދާ ސުވާލު ކުރަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ މީގެކުރިން ވެސް މިނިސްޓަރަކު ތަހުގީގު ހިނގާތީ ގޭގައި މަޑުކުރެއްވި އުސޫލު ސީޕީ ހަމީދާއި ދޭތެރޭގައި ވެސް އޮންނަންވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ސީޕީ ހަމީދު ވަނީ ކުރިން އެމްޑީއެންގައި މަސައްކަތް ކުރައްވައިފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ސީޕީ ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް އަދާކުރައްވާފައި ނުވާކަމާށެވެ.
އަދި ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު ފެންމަތިވެގެން އުޅޭ ރިޕޯޓުގެ އެއްވެސް މަސައްކަތެއް ވެސް ސީޕީ ކުރައްވާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ސީޕީ ހަމީދުވެސް މީގެކުރިން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވަކި ކޮޅަކަށް ނުޖެހި ފުލުހުން ބަލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް