މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ރައީސް މިއަދު ނަންތައް ފޮނުވައިފި އެވެ. ނަމަވެސް ފޮނުވީ ކޮން ބޭފުޅުންނެއްގެ ނަންތަކެއް ކަމެއް ރައީސް އޮފީހަކުން ނުބުނެއެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު ދާދިފަހުން ރައީސް ވަނީ މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަނާއި ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން ފޮނުއްވާފައެވެ. ކޮމިޝަނާއަކަށް އައްޔަން ކުރަން ރައީސް ފޮނުވީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ. ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފެވެ. އަދި އަހުމަދު ވާފިރާއި އަހުމަދު އަގީލްގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
މި ފަރާތްތަކަށް އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުން މިހާރު ވަނީ ހުޅުވާލައިފައެވެ. މީރާގެ އިސް މަގާމުތަކަށް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް