ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ރަސްމީ ދަތުރުފުޅެއްގައި ސްޕެއިން އަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓްރު ޒަހާ ރޭ ސްޕެއިން އަށް ވަޑައިގަތީ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ފިޝިންގް ވެސެލް ސޭފްޓީ އެންޑް އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައި.ޔޫ.ޔޫ) ފިޝިންގް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އޮކްޓޯބަރ މަހުގެ 21 އިން 23 އަށް ސްޕެއިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާއި ސްޕެއިން ސަރުކާރާއި ގުޅިގެން، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްގެ އެހީގައި ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ.
މިކޮންފަރެންސްގެ މަޤްސަދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ)ގެ "ކޭޕްޓައުން އެގްރިމަންޓް އޮފް 2012" ތަސްދީޤުކުރެއްވުމަށް ޤައުމުތަކަށް ބާރުއެޅުމާއެކު ޤާނޫނާއި ގަވާއިދާއި ޚިލާފަށްކުރާ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމެވެ.
ފިޝަރީސް މިނިސްޓްރީން ވިދާޅުވީ، ކޭޕްޓައުން އެގްރިމަންޓަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތަކާއި، އުޅަނދުފަހަރު ބަނުމުގެ ހަމަތަކާއި، ސަލާމަތީ ގޮތުން އުޅަނދުފަހަރުގައި ޤާއިމުވެފައިވާ ހުންނަންޖެހޭ ކަންކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އެގްރިމަންޓެއް ކަމަށެވެ. އިންޑިއާ ކަނޑުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިންވެސް މިއެގްރިމަންޓް ތަސްދީޤުކުރުމާއިގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، އެހެން ޤައުމުތަކުންވެސް މިއެއްބަސްވުމަށް ތާޢީދުކޮށްދިނުމަށް ގޮވާލުމާއެކު، މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤްރީރުކުރެއްވުމުގެ ފުރުސަތު މިނިސްޓަރ ޒަހާ ވަޙީދަށް ވަނީ ދެއްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ލިބުމަކީ، މިފަދަކަމަކަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް