ނިމިދިޔަ ހަފްތާ މާލެ ސަރަހައްދުގައި 44 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 12 ވަނަ ދުވަހުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 44 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
އޭގެ ކުރީ ހަފްތާ ހިނގާފައި ވަނީ 44 އެކްސިޑެންޓެވެ. ނަމަވެސް މިދިޔަ ހަފްތާ އެކްސިޑެންޓް ހިނގި އަދަދު މަދު ނަމަވެސް އަނިޔާވި މީހުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާ 16 މީހަކަށް އަނިޔާވިއިރު، އޭގެ ކުރީ ހަފްތާ އަނިޔާވެފައި ވަނީ 11 މީހުންނަށެވެ.
މިދިޔަ ހަފްތާ ވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްވެސް މާލެ ފަޅު ބޭރުގައި ހިނގާފައެވެ. އެ ހާސިދާގައި ހަތަރު މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
މި މުއްދަތުގެ ތެރޭގައި ބާރަށް ސައިކަލު ދުއްވައިގެން 20 މީހަކު ވަނީ ހިފަހައްޓާފައެވެ. ވެހިކަލް އޯވަރލޯޑް ކޮށްގެން ދުއްވި 25 އުޅަނދެއް ވަނީ ހުއްޓުވާފައެވެ.
ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރި ވަނީ ބާރަށް ދުއްވައިގެން ނުވަތަ ޓްރެފިކަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް