އެރެއަށްފަހު- ނަވާރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "އަހަރެން ނަޒާން ދެކެ ވަރަށް ލޯބިވޭ" ސުމާގެ އަނގަ އެއަށްވުރެ ބޮޑަށް ހުޅުވުނެވެ. ޝައިލާ އިނީ ސީދާ ސުމާގެ ލޮލަށް ބަލަހައްޓައިގެންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝައިލާ ދެއަތުނ...

20 Oct 2019 | 04:23

ކުރީގެ އަދަދާ ގުޅޭ...

"އަހަރެން ނަޒާން ދެކެ ވަރަށް ލޯބިވޭ" ސުމާގެ އަނގަ އެއަށްވުރެ ބޮޑަށް ހުޅުވުނެވެ. ޝައިލާ އިނީ ސީދާ ސުމާގެ ލޮލަށް ބަލަހައްޓައިގެންނެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝައިލާ ދެއަތުން މޫނު ފޮރުވައިލިއެވެ.

"ވަޓްސް ރޯންގް ވިތް ދެޓް؟ ޝައި ވެސް ޖެހޭނެ ދޯ ލައިފް އެއް ފަށަން... ޝައި ތިހީކުރަނީ މުޅިން ރަގަޅަކަށް ނޫނޭ... ހުރިހާ ފިރިހެނުން އެއްގޮތްނަމަ ޝައި ބުނެބަލަ ޝައިގެ ދޮންބެ އަކީ އެކަހަލަ މީހެއްތަ؟ ޝައިގެ ބައްޕަ އަކީ އެކަހަލަ މީހެއްތަ؟ އަހަރެންގެ ބައްޕަ އަކީ އެކަހަލަ މީހެއްތަ؟ ހުރިހާ އެންމެން އެއްގޮތްނަމަ އެމީހުންވެސް އެހެންނެއް ނޫންތަ އުޅޭނީ؟ ނަޒާން ކިހާ ރަގަޅު... ޝައި ހިތްހަމަނުޖެހިދާނެތީ އަހަރެންނަށް ގުޅައިގެން ގެނައީ... އެކަހަލަ މީހެއްނަމަ އެގަޑީގަ ވެސް ބަލާނީ އެޑްވާންޓޭޖް ނެގޭތޯ..." ޝައިލާގެ ދެކަކޫ މަތީ އަތް ބާއްވައިލައިގެން އިނދެ ސުމާ ވާހަކަ ދެއްކިއެވެ.

ސުމާ ވާހަކަދައްކައި ނިމުމުން ޝައިލާ މަޑުމަޑުން މޫނުމަތިން އަތް ނެގިއެވެ. އޭރު އޭނާގެ މުޅި މޫނު ވަނީ ދާހިއްލާ ފޯވެފައެވެ. ލޯކައިރި ހުރީ ދުޅަވެފައެވެ. ނޭފަތުކުރި ހުރީ ހަތްވެފައެވެ.

"ދޭބަލަ މޫނު ދޮވެލައިގެން އަންނަން... އައިސް ހަމަޖެހިލައިގެން ގުޅާބަލަ ނަޒާން އަށް..." ޝައިލާގެ އަތުގައި ހިފައިލަމުން ސުމާ ބުނެލިއެވެ. ސިކުންތުކޮޅެއް ވަންދެން ސުމާގެ މޫނަށް ބަލަން އިނުމަށްފަހު ފާހާނާއާއި ދިމާލަށް އޭނާ ހިނގައިގަތެވެ.

***

ގެއަށް އައިގޮތަށް ނަޒާން އޮތީ ކޮޓަރި ތަޅުލައިގެން އެނދުމައްޗަށް ވެއްޓިގަނެގެންނެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު ގަނޑެއް ހިފައިގެން އައިސް މޭޒު ކައިރީ ޖައްސައިލިއެވެ. ފަންސުރުގައި ތުނޑު ނެތުމުން ފަންސުރު ޖަހަން ބޭރަށް ނިކުތް ވަގުތު ލައިގަތީ ނުހާގެ ގައިގައެވެ. ނުހާ އަށް އެއްވެސް ސަމާލުކަމެއް ނުދީ ނަޒާން ދިޔައީ ބަދިގެ ފަރާތަށެވެ. ބަދިގެ ވަތްގަނޑުގައި އޮތް ފަންސުރުޖަހާ ދަތިން ފަންސުރު ޖެހުމަށްފަހު ނަޒާން ހިނގައިގަތީ ދަތިވެސް ހިފައިގެންނެވެ. ނަޒާން ކޮޓަރިއަށް ދިޔައިރު ހަމަ އެހުރިގޮތަށް ނުހާ ހުރީ ނަޒާނަށް ބަލަހައްޓައިގެންނެވެ. އެދުވަހު ނަޒާން ހަޅޭއްލެވިފަހުން އޭނާ އާއި އަދި ވާހަކައެއް ނުދައްކައެވެ. ނުހާ މަޑުކޮށްލައިގެން އެހުރީވެސް ނަޒާން އަމިއްލަ އަށް އައިސް މައާފަށް އެދޭތޯއެވެ. ނަމަވެސް ނަޒާންގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއް ނުލިބެއެވެ.

ކޮޓަރިއަށް އައިސް ނަޒާން ކުރަހަން ފަށައިފިއެވެ. މީހުންތަކެއްގެ ތެރޭގައި ބިރުން އެކަނި އިން އަންހެން ކުއްޖެކެވެ. ދެކަކުލުގައި ބައްދާލައިގެން އިންއިރު އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެން ބިރުވެރިކަމެވެ. އެކަރުދާސްގަނޑު އެއްފަރާތުގައި ބޭއްވުމަށްފަހު އެހެން ގަނޑެއްގައި އެހެން ތަސްވީރެއް ކުރަހަމުން ދިޔައެވެ. ބިޔަ ފިރިހެނެއްގެ ފަހަތުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ އެފިރިހެން މީހާގެ ހިމާޔަތުގައެވެ. ސާބިތުކަންމަތީ އެފިރިހެން މީހާ ހުރީ އެތައް ބަޔަކާ ކުރިމަތިލައިގެން އަންހެން ކުއްޖާ ހިމާޔަތްކޮށްދީގެންނެވެ.

ކުރަހާ ނިންމައިފައި ފަންސުރު މޭޒުމައްޗަށް ދޫކޮށްލިއެވެ. އަދި ބޮލުގައި އަތް އެޅުމަށްފަހު މޭޒުމަތީގައި ނިތްކުރި ޖައްސައިލިއެވެ. ކައިރީ އޮތް ފޯނު ވައިބްރޭޓްވިހެން ހީވެގެން ނަޒާން މޭޒުމަތިން ބޯ ނެގިއެވެ. އެވަގުތު އޭނާ އަށް ފެނުނީ މޭޒުމަތީގައި ހުރި ފެން ތިކިތަކެވެ. އެ ފެންތިކިތަކުގައި އިނގިލި ހާކައިލުމަށްފަހު ދެން އޭނާ އަތްލީ އޭނާގެ ކަނާއަތު ލޮލުގައެވެ. ލޯ ވަނީ އެކަށް ތެމިފައެވެ. އޭނާއަށް ރޮވުނީ ހެއްޔެވެ؟ ހައިރާންވިވަރުން ނަޒާން އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. އެންމެ ފަހުން ރުއި ދުވަހެއް ވެސް ހަނދާނެއް ނެތެވެ. އޭނާގެ ހިތަކީ މިހާރު އެހާ ބަލި އެއްޗަކީ ހެއްޔެވެ؟

އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފޯނު ނަގައި ބަލައިލިއެވެ. ޝައިލާގެ ނަން ފެނުމުން ނަޒާންގެ ހިތް ހީވީ މޭފަޅާފައި ނިކުންނަން އުޅުނުހެންނެވެ. ފޯނު ހިފައިގެން ހުރި އަތްވެސް ތުރުތުރު ލަމުން ދިޔައެވެ. މެސެޖު ހުޅުވައިލުމަށްފަހު ބަލައިލީ ވެސް ތެޅިތެޅި އޮތް ހިތަކާއި އެކީއެވެ.

"ކަމް ޓު މައި ވިންޑޯ" ޝައިލާގެ އެކުރު މެސެޖުން ނަޒާންގެ ހިތް ފުރުނުކަހަލައެވެ. މޫނުމަތި އުޖާލާ ވެގެންދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އަވަސްކޮށްލާފައި ފާހާނާ އަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ އެއްޗެހި ވެސް ބަދަލުކޮށްލިއެވެ. ދާން ނިކުންނަން އުޅެފައި ފަހު ފަހަރަށް އޭނާގެ ސޫރަ ބަލައިލިއެވެ. އާދައިގެ ވަރަކަށް ދިގުވެފައި ހުރި އޭނާގެ ތުނބުޅީގައި އަތް ކާއްތައިލުމަށްފަހު އަވަހަށް ދާން ހިނގައިގަތެވެ.

ނަޒާން ގެއިން ނިކުމެގެން ދިޔައިރު މުޅި ގޭތެރޭގައި އެއްވަސް ކޮށްލާފައި ހުރީ ނަޒާން ޖަހައިގެން ދިޔަ ސެންޓުގެ ވަހެވެ. ނަޒާން އެހާ އަވަސްކޮށްލާފައި އެދިޔައީ ކޮންތާކަށް ބާއޭ ނުހާގެ ހިތަށް އެރިއެވެ. ނަޒާން ނިކުމެގެން ދިއުމުން އަވަސްކޮށްލާފައި ގޮސް އޭނާ ހުޅުވައިލީ ނަޒާންގެ ކޮޓަރީގެ ދޮރެވެ. އެވަގުތު ނުހާ ކޮށިއެރި ކަހަލައެވެ. މުޅި ކޮޓަރިތެރޭގައި ވެސް ދުވަނީ ނަޒާން ޖަހައިގެން ދިޔަ ސެންޓުގެ ވަހެވެ. ދޮރު އެކީ ނުލައްޕައިވެސް ބެހެއްޓީ ކެއްސަން ފެށުމުންނެވެ.

ނުހާ އެންމެ ފުރަތަމަ ވެސް އަޅައިގަތީ ނަޒާން ދެންމެ ކުރަހާފައި ދިޔަ ކުރެހުންތަކަށެވެ. ފުރަތަމަ ކަރުދާހުން ފެންނަމުން ދިޔައީ ހިމާޔަތް ބޭނުންވެފައިވާ ކުއްޖެކެވެ. އަނެއް ކުރެހުމުން ފެންނަނީ މީހަކު އެއަންހެން ކުއްޖާއަށް ހިމާޔަތް ދީގެން ހުރި މަންޒަރެވެ. އެއީ އަނެއްކާ ނަޒާން ހެއްޔެވެ؟ މީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އަނެއްކާ މީ... ޝައިލާ ހެއްޔެވެ؟ ނުހާ އެކޮޓަރީގައި ހުއްޓައި މީހަކު ވަތްހެން ހީވެގެން އަވަހަށް ފަހަތް ބަލައިލިއެވެ. ކުރިން ދުވަހުވެސް ނަޒާން ރުޅިއައީ އޭނާ އެ ކުރެހުންތަކުގައި އަތްލީމައެވެ.

ނަމަވެސް ފަހަތުގައި ހުރީ ނަޒާނެއް ނޫނެވެ.

"މިތާ ކީއްކުރަނީ؟" ނުހާގެ މޫނަށް ބަލައިލަމުން ނަހުޒާން އަހައިލިއެވެ.

"ނަޒާން އުޅޭތޯ ބަލާލީ" ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނުހާ ބުނެލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނަހުޒާން އެއްލި އަތުން ހިފުނީ ނުހާގެ އަތުގެ މުލައްދަނޑީގައެވެ.

"ނަހުޒާން އަހަރެންގެ އަތުން ދޫކޮށްލާ" ނަހުޒާން ހިފަހައްޓައިގެން ހުރި އަތައް ބަލައިލަމުން ނުހާ ބުނެލިއެވެ.

"ނުހާ ކިތަންމެ ވަރަކަށް ތިހެން އުޅުނަސް ނަޒާން ނޫޅޭނެ... ނަޒާން އުޅެނީ އެހެން މީހަކާ ހިތާވެގެން... ރަގަޅުވާނީ އެކަން ހުއްޓާލިއްޔާ" ނުހާގެ ލޮލަށް ބަލަންހުރެ ނަހުޒާން ބުނެލިއެވެ.

"ކޮން ކަމެއް؟" ނުހާ ނޭންގޭކަމަށް ހަދާފައި އަހައިލިއެވެ.

"ނަޒާންގެ އެޓެންޝަން ހޯދަން ތިކުރާ މަސައްކަތް... ނަޒާން ބޭނުންނަމަ މިހާރު ދެމީހުން ތިބޭނީ އިނދެގެންނެއްނު" ނަހުޒާން މިހެން ބުނުމުން ނުހާ އޭނާގެ އަތް ފޮޅުވައިލިއެވެ. އަދި އަވަހަށް އެކޮޓަރިން ދާން ހިނގައިގަތެވެ.

"ނުހާ މާދަން ވަރަށް ބޮޑު ސަޕްރައިޒެއް ލިބޭނެ" އެކޮޓަރިން ނިކުމެ ނިކުމެ ހުއްޓައި ނަހުޒާން ގޮވައިލިއެވެ. ހިނގުން މަޑު ޖައްސައިލުމަށްފަހު ނަހުޒާންގެ މޫނަށް ބަލައިލިއެވެ. ނަހުޒާންގެ މޫނަށް ލޯ އަޅައިލުމަށްފަހު ނުހާ ބާރުބާރަށް ނިކުމެގެން ދިޔައީއެވެ.

***

ނަޒާން ގޮސް ސައިކަލު މަޑުކޮށްލީ ޖޭމުގަހުގެ ހިޔާ އެޅޭ ހިސާބުގައެވެ. ސައިކަލު މަތީ އިނދެ ޝައިލާގެ ފޯނަށް ގުޅައިލިއިރު މޭގަނޑު ދިޔައީ ތެޅެމުންނެވެ. އެއަޑު އޭނާގެ ކަންފަތަށް ވެސް ދިޔައީ އިވެމުންނެވެ. ދެފަހަރު ގުޅުމުން ވެސް ޝައިލާ ފޯނެއް ނުނެގިއެވެ. އަނެއްކާ ޝައިލާ އޭނާ އަށް ދަޅައެއް ދައްކައިލީ ހެއްޔެވެ؟ ކުޑަދޮރު ވެސް ހުރީ ލައްޕާފައެވެ. ތިންވަނަ ފަހަރަށް ގުޅާލަން އުޅުނު ވަގުތު ސިހުނީ ފަހަތުން މީހަކު ގޮވައިލިހެން ހީވެގެންނެވެ.

"ޒާން" އެއަޑަށް ނަޒާން ފަހަތް ބަލައިލިއެވެ. އޭރު އޭނާގެ ފަހަތުގައި ހުރި ޝައިލާ ފެނުމުން ނަޒާނަށް އިނދެވުނީ ބަލާށެވެ. އެއީ މީގެ ދެތިން ގަޑިއިރު ކުރިން އޭނާއަށް ފެނުނު އަންހެން ކުއްޖާއެއް ނޫނެވެ. އެއީ އެންމެ ފުރަތަމަ ދުވަހު ކެފޭ ތެރެއިން އޭނާއަށް ފެނުނު އަންހެން ކުއްޖާއެވެ. ޝައިލާ ލައިގެން ހުރީވެސް އެދުވަހު ލައިގެން ހުރި ކަނޑުނޫކުލައިގެ އަތްދިގު ހެދުމެވެ. އެހެދުން ނަޒާނަށް ފާހަގަވީ ބަނޑާ ދިމާލުން އެލިފައި އޮތް ވާކޮޅު ފެނުމުންނެވެ. އެވާކޮޅުން ވަނީ ބަނޑަށް ބާރުކޮށްލައި ގޮށެއް ޖަހާފައެވެ. ޝައިލާގެ މޫނުގެ ރީތިކަން ބޮޑަށް ފާޅުވޭވޭ ހުރީ އިސްތަށިގަނޑު ހައްޔަރުކޮށް ބޮލުމެދަށް ހުޅިއެއް ޖަހާފައި ހުރުމުންނެވެ.

ނަޒާން ސިހުނީ ޝައިލާ އައިސް އޭނާގެ ސައިކަލު ފަހަތަށް އެރުމުންނެވެ. ނަޒާން އިނީ ޝައިލާގެ އެއަމަލުން ގުޑައިލަންވެސް ނުކެރިފައެވެ. ޝައިލާ ވެސް އިނީ އޭނާއަށް އެހިތްވަރު ލިބުނު ގޮތަކާއި މެދު ސުވާލު އުފެދިފައެވެ. ވަރަށް ހިތްވަރުކޮށްލާފައި އެއްޗެއް ބުނަން ޝައިލާ އަނގަ ހުޅުވައިލިއެވެ.

"ހިނގާ" ޝައިލާ ބުނެލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ޝައިލާގެ އަޑު ވަނީ ކުރަކިވެފައެވެ. އަޑުން ހީވަނީ ވަރަށްބޮޑަށް ރޯގާ ޖެހިފައި ހުރިހެންނެވެ.

"ކޮންތާކަށް؟" ނަޒާންގެ އަޑުވެސް އައީ މަޑުންނެވެ.

"ނަޒާން ގެންދިޔަ ތަނަކަށް" ޝައިލާ އެހެން ބުނެލީ ކުރިމަތިން ފެންނަމުންދިޔަ ނަޒާންގެ ކަންފަތަށް ބަލަން އިނދެއެވެ. ބުޅި އިސްތަށިގަނޑުގެ އެއްބައިން ފޮރުވިފައިވާ އެކަންފަތުގެ ފޫޅަށް ބަލަހައްޓައިގެން ޝައިލާ އިނީ އަދިވެސް ޔަގީން ނުވެފައެވެ. އޭނާ ހަމަ އެއިނީ ނަޒާންގެ ސައިކަލު ފަހަތުގައި ހެއްޔެވެ؟ ނަޒާން ޖަހާފައި ހުރި ސެންޓުން އެކަނިވެސް ހިތް ފުރިއްޖެ އެވެ. މީރު ވަހަކީ ޝައިލާގެ ހިތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލަންބައިލެވޭނެ އުކުޅެކެވެ. އޭނާގެ ރީތިވާ ސާމާނުތަކުތެރޭ ވެސް އެންމެ ގިނަވާނީ އެކިވައްތަރުތަކުގެ މީރުވަސް ދުވާ ސެންޓުތަކެވެ.

ޝައިލާ ސިހުނީ ނަޒާން ސައިކަލު ދުއްވައިލުމުންނެވެ. މާލެ އައިފަހުން ސުމާ ފިޔަވައި އިތުރު މީހެއްގެ ސައިކަލަށް އެރި މީ ފުރަތަމަ ފަހަރެވެ. ޝައިލާ އިނީ އަނގައިން ބުނަން ނުކެރިފައެވެ. ނަޒާން ވެސް އިނީ އެއްޗެއް   ބުނަން ބޭނުންވެ ނަމަވެސް ނުކެރިފައެވެ. ދެމީހުން އެއްވެސް ވާހަކައެއް ނުދައްކާ ތިއްބައި މާލެ ވަށައި ދެބުރު ޖެހިއްޖެއެވެ. ސައިކަލުން ޕެޓްރޯލް ހުސްވަން ކައިރިވުމުން ނަޒާން ދެން ގޮސް މަޑުކޮށްލީ އައިޖީއެމްއެޗް ކައިރީ ހުރި ޕެޓްރޯލް ޝެޑްގެ ކިއުގައެވެ.

ޕެޓްރޯލް އަޅައިގެން ނަޒާން އަނެއްކާވެސް ދުއްވައިލީ ދާނެ ވަކި މަންޒިލެއް ނޭންގި އިނދެއެވެ. އަނެއްކާވެސް ބުރެއް ޖަހައިލުމަށްފަހު ނަޒާން ގޮސް ސައިކަލު މަޑުކޮށްލީ ހުޅުމާލެ ފެރީޓާމިނަލް ކައިރީއެވެ. ނަޒާން ސައިކަލު ޕާކުކުރުމުން ޝައިލާ ފައިބައިގެން ނަޒާންގެ ފަހަތުން ހިނގައިގަތެވެ. ނަޒާން ވަނީ ސީހައުސް ތެރެއަށެވެ.

"ކޯންޗެއް ކާނީ؟" ވެއިޓަރު މެނޫ ގެނައުމުން ނަޒާން އަހައިލިއެވެ.

"ނަޒާން ބޭނުން އެއްޗެއް"  މިފަހަރުވެސް ޝައިލާ އިޚުތިޔާރު ދިނީ ނަޒާނަށެވެ. ނަޒާން ކާއެއްޗެއް ގެންނަން އުޅުމުން ޝައިލާ އެކަން މަނާކުރިއެވެ. ޝައިލާ ބޭނުމީ ބޯ އެއްޗެއް ކަމަށް ބުނުމުން ދެމީހުންނަށް ވެސް ދެކޮކްޓެއިލް އަށް އޯޑަރު ދިނެވެ.

"ޝައި ހާދަ ތަފާތޭ މިރޭ" ނަޒާންގެ ދުލަށް އެންމެ ފުރަތަމަ ވެސް އައީ އެޖުމްލައެވެ. އެހެން ބުނެ ދޫ އެތެރެއަށް ލުމަށްފަހު ދުލުގައި އޭނާ ދަތް އަޅައިލިއެވެ. ހިނިތުންވުން ފިޔަވައި ޝައިލާ އިތުރު އެއްޗެއް ނުބުނެއެވެ. ދެމީހުން ވެސް ތިބީ އެތައް ވާހަކައެއް ދައްކަން ބޭނުން ވެފައެވެ. ނަޒާން އިނީ ޝައިލާ އަމިއްލައަށް އައުމުން، ޝައިލާ ވާހަކަ ދައްކަން ފަށާތޯއެވެ. ޝައިލާ އިނީ ނަޒާން ފަށާތޯއެވެ.

އެއްގޮތަކަށް ޝައިލާގެ ދުލުން ޖުމްލައެއް ނުނިކުތުމުން ނަޒާން ވާހަކަ ދައްކަން ނިންމިއެވެ.

"ޝައި ކުއްލިއަކަށް ކީއްވެ އަހަރެންނާ އެކީ އަންނަން ހިތަށް އެރީ؟" ނަޒާން އަހައިލިއެވެ.

"ޝައިއާ ދިމާވީއްސުރެ ނަޒާންގެ ހިތުގަ އުފެދިފަ ހުރި ހުރިހާ ސުވާލަކަށް ޖަވާބުދޭން..." ޝައިލާ ބުނެލިއެވެ.

"ޔެސް... ބައިވަރު ސުވާލު އެބަހުރި" ޝައިލާގެ ތުރުތުރު އަޅަމުން ދިޔަ އަތައް ބަލައިލަމުން ނަޒާން ބުނެލިއެވެ.

"ޝައި އަކީ ނަފްސާނީ އެތައް ކަމެއް ދިމާވެފަ ހުރި މީހެއް... މިހާރުވެސް ޝައި އަކީ ނަފްސާނީ ބައްޔަށް ބޭސްކަމުން އަންނަ މީހެއް..." ނަޒާންގެ ލޮލަށް ބަލަން އިނދެ ޝައިލާ ބުނެލިއެވެ. ނަޒާން އިނީ ކަނުލައި އަޑުއަހާށެވެ.

"ޝައި ބޭނުން ނަޒާން އަށް ކިޔައިދޭން ވެސް" ނަޒާން އަނގައިން ނުބުނުމުން ޝައިލާ ބުނެލިއެވެ.

"އަހަރެން ބޭނުން އަޑުއަހަން ވެސް" އެއާ ވިއްދައިގެން ނަޒާން ބުނެލިއެވެ.

"އަހަރެން ކިޔައިދޭން މިއުޅެނީ އަހަރެންގެ ލައިފްގަ އައި އެންމެ އަނދިރި ދުވަސްތަކުގެ ވާހަކަ" މިހެން ބުނުމަށްފަހު ޝައިލާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް