ކާށިދޫގައި މަރާލި ސާޖަންޓް އާދަމް ހަލީމްގެ އާއިލާއާ ޕޮލިސް ކޮމިޝަނަރު ބައްދަލުކުރައްވައިފި

ކ. ކާށިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދު އެ ރަށުގައި މަރާލި ސާޖަންޓް އާދަމް ހަލީމްގެ އާއިލާ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ސާޖަންޓް އާދަމް ހަލީ މަރާ...

20 Sep 2026 | 18:12
N/A

N/A

ކ. ކާށިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދު އެ ރަށުގައި މަރާލި ސާޖަންޓް އާދަމް ހަލީމްގެ އާއިލާ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސާޖަންޓް އާދަމް ހަލީ މަރާލީ ރަސްމީ ޑިއުޓީގައި އުޅެނިކޮށް މީގެ 14 އަހަރު ކުރިންނެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ އާއިލާގެ ހާލު ބައްލަވައި އެ ފަރާތްތަކާ އެކު ވަގުތު ހޭދަކުރައްވައިފައެވެ. ސާޖަންޓް އާދަމް ހަލީމް ޤައުމީ ވާޖިބު އަދާކުރައްވަމުން ފުރާނައިން ޤުރުބާންވީ ފަހުން 14 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް އެ ޚިދުމަތުގެ ހަނދާންތައް ފުލުހުންގެ މުއައްސަސާގައި އަބަދުމެ ދެމިއޮންނާނެ ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ޤައުމީ ޚިދުމަތުގައި ފުރާނަ ދޫކޮށްލި އޮފިސަރުންގެ ހަނދާން އާކުރުމާއި އެ ބޭފުޅުންގެ އާއިލާތަކާ ގާތް ގުޅުމެއް ބޭއްވުމަކީ މުއައްސަސާއިން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ސާޖަންޓް އާދަމް ހަލީމް ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވީ ހަތް އަހަރާއި ފަސް މަހާއި 27 ދުވަހެވެ. އެ މުއްދަތުގައި ރ. އަތޮޅާއި ބ. އަތޮޅު އަދި ކ. އަތޮޅުގައި ޚިދުމަތް ކުރައްވައިފައިވެއެވެ.

ކާށިދޫގައި ޑިއުޓީގައި ހުންނަވަނިކޮށް ގޭބަންދުގެ އަމުރާ ޚިލާފުވި މީހަކު ހުއްޓުވުމުގެ ތެރޭގައި ވަޅިން ދިން ހަމަލާއެއްގައި އާދަމް ހަލީމް މަރާލީ 23 ޖުލައި 2012 ގައެވެ.

އެ މައްސަލައިގައި ކާށިދޫ ސުވާސާގެ މުޙައްމަދު ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ދެ ވަނަ ފަހަރަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

މިދިޔަ އެޕްރީލް މަހު އެ މައްސަލަ އަލުން ބެލުމަށް ފަހު ސަމާހުގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފައިވެއެވެ. ސަމާހުގެ ފަރާތުން އެ ޙުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް