ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖެހިގެން އައި ދުވަހު ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.
ޔައުގޫބުގެ ގޮނޑިއާއި މެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ އިދިކޮޅު ޕީއެންސީ/ ޕީޕީއެމް ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ އައްސަދު ޝަރީފެވެ އައްސަދު މީޑިއާގައި ވިދާޅުވީ ޔައުގޫބްގެ މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.
މިކަމާއި ގުޅޭގޮތުން ޔައުގޫބު މިހާތަނަށް ވިދާޅުވެފައިވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް